ފަލަކޮށް ތިބޭ ކުދިން ފެނުނީމަ ހާދަ ލޯތްބޭ، "ކިއުޓް" އޭ ކިޔުމަކީ ދިވެހިންގެ އާދަ އެކެވެ. އަދި ކުދިން ފަލަ ނުވާނަމަ ފަލަކުރަން ބައެއް ބެލެނިވެރިން މަސައްކަތް ކުރެ އެވެ. ބަރުދަން ހުރީ ހުންނަންވާ ވަރުގައިތޯ ބެލުމެއް ނޯވެ އެވެ. އެކަމަކު ކުދިން ހުންނަންވާ ވަރަށްވުރެ ފަލަކުރުމަކީ ގެއްލުން ހުރި ކަމެއް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

މިހާރު އާޓް ގެލެރީގައި ފެށިގެން ކުރިއަށްދާ މެޑިކަލް އެކްސްޕޯގައި "ސަން"އާ ވާހަކަފުޅު ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ބޮޑެތި ކުދިންތެރޭގައި ވެސް އަދި ކުޑަކުދިން ތެރޭގައި ވެސް ބޮޑި އިމޭޖް އޮތީ މުޅިން ގޯސްކޮށްލާފައި ކަމަށެވެ. އެއްވެސް ހާލެއްގައި ހުންނަންވާ ވަރަށްވުރެ މަތިކޮށް ބަރުދަން ހުރުން އެއީ ސިއްހީ ގޮތުން ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

"ހުންނަންވާ ވަރަށްވުރެ ބަރުދަނަ ދަށްކޮށް ހުރުން ވެސް އެއީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫން. އެކަމަކު ގިނަ ހާލަތްތަކުގައި މި ބެލެނީ މާ މަތިކޮށް ހުރުން މާ ނުރައްކާތެރިއޭ ދިގު މުސްތަގުބަލަށް ބަލާއިރު ކުޑަކޮށް ހުރުމަށްވުރެ،" ނިޔާފް ވިދާޅުވި އެވެ.

ޑރ އަބްދުﷲ ނިޔާފް --- ފޮޓޯ// މިހާރު

އުމުރާ އަޅާ ބަރުދަން ހުންނަން ޖެހޭ ރޭންޖް ތެރޭގައި ހުރިނަމަ ކުއްޖާއަކީ ހެލްތީ ކުއްޖެއް ކަމަށް ނިޔާފް ފާހަގަކުރި އެވެ. "ފަލަވުމެއް އެއީ އޭގަ އޮންނަން ޖެހޭ ކަމެއް ނޫން،" ކަން ނިޔާފް ފާހަގަކުރި އެވެ.

ތުއްތު އިރުގައި ފަލަކޮށް ހުންނަ ކުދިންނަށް ލޯބި ކިޔާނަމަ، 40 ނުވަތަ 50 އަހަރަށް އެރީމައި އެހެން ނުކިޔަނީ ކީއްވެގެންތޯ ޑރ. ނިޔާފް ސުވާލު އުފެއްދެވި އެވެ.

"އެ އުމުރަށް ދިޔައީމަ ހަމަ ފެންނަ އިރަށް ކޮންމެ މީހަކު ބުނާނެ އޭ ހާދަ ފަލަ ވެއްޖޭ. ޑައިޓެއް ނުކުރަންހޭ. އެކަމަކު ކުޑައިރު ޕްރޮމޯޓް ކޮށްދެނީ ފަލަވާން،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އެހެންވީމަ ފަލަކޮށް ތިބޭ ކުދިން ފެނުނީމަ ފަލައޭ ލޯތްބޭ ކިއުމަށް ދިވެހިންގެން ގުޅޭ އާދަ ދޫކޮށްލަން ވެއްޖެ އެވެ. އެއީ ފަލަވުމަކީ ހަގީގަތުގައި އަދި ލޯބިވުމެއް ނޫނެވެ. ފެންނަ ފެނުމަށް ވަރަށް ލޯބިވެދާނެ އެވެ. އެކަމަކު ސިއްހީ ގޮތުން ބަލާއިރު އެއީ ލޯތްބެކޭ ނުކިޔާނެ އެވެ.