މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދީފިއެވެ.

މާޒިޔާއަށް 2013 ވަނަ އަހަރުގެ ސީޒަނުން ފެށިގެން އިރުޝާދުދިން ކޯޗު ސުޒޭން އިސްތިއުފާ ދީފައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ މާޒިޔާ ބަލިވި މެޗަށް ފަހު އެވެ. އެ މެޗުން 2-1 ލަނޑުން މޮޅުވެ، ފައިނަލްގެ ޖާގަ ހޯދީ ޓީސީންނެވެ.

އިސްތިއުފާ ދިނުމަށްފަހު ސުޒޭން ވަނީ އެ ކްލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މާޒިޔާއާ އެކު ހޭދަކުރި ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެއް ގޮތުގައި ފާހަގަކޮށް، އެ ދުވަސްތައް މަތިން އަބަދުވެސް ހަނދާން ކުރާނެ ކަމަށް ސުޒޭން ބުނެފައިވެ އެވެ.

މާޒިޔާ އަށް ސުޒޭން ހޯދައިދިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ މި ސީޒަނުގައި އެ ޓީމުން ހޯދި ދިވެހި ޕްރިމިއާ ލީގުގެ ކާމިޔާބީ އެވެ. ލީގު ކާމިޔާބު ކުރެވުނު ނަމަވެސް، މާޒިޔާ އަށް މި ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މާޒިޔާގެ އެންމެ ކާމިޔާބު އަދި މިވަގުތު އެންމެ ކާމިޔާބު ދިވެހި ކޯޗުގެ ގޮތުގައި ފާހަގަކޮށްލެވޭ ކޯޗު ސުޒޭން ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދީފައެވެ. މާޒިޔާއާ ސުޒޭން ގުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށްފަހު އެވެ.