މާލެ އަތޮޅުގައި ހަތަރު ފަޅެއް ތަރައްގީ ކުރަމުން ގެންދާ ކަމަށާއި، އިގްތިސާދީ ގޮތުން މާލެ އަތޮޅުގެ ހާލަތު، މިހާރު އޮތް މިންވަރަށް ވުރެ ފަސް ގުނައަށް އިތުރުވެގެން ދާނެ ކަމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ތިން ވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ކުރިއަށް ގެންދިޔަ އިރު، އެ ފޯރަމް ތެރޭގައި ބައެއް ކުންފުނިތަކުން ވަނީ، އެ ކުންފުނިތަކުގެ މަސައްކަތްތަކާއި އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު، ބޭރުގެ ވިޔަފާރިވެރިންނާ ހިއްސާ ކުރައްވައިފައެވެ.

އެ ފޯރަމްގައި، ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކާއި ހޮޓެލްތައް އިމާރާތް ކުރާ ދިވެހި ކުންފުނި، އެޗްއާރުސީން ބައިވެރިވި އިރު، އެކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، މީގެ ކުރިއާ އަޅާ ބަލާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

22 ނޮވެމްބަރ 2016: ނިއުދިއްލީގައި ބޭއްވި ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އެޗްއާރުސީގެ ޗެއާމަން ޖަނާހު، ނައިބު ރައީސް ޖިހާދު އަދި އިކޮނޮމިކް މިނިސްޓަރު ސައީދާ އެކު-- ސަން ފޮޓޯ/ މާހިލް މުހައްމަދު

ޖަނާހު ވިދާޅުވީ، ރިސޯޓު ތަރައްގީކުރާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރާއްޖޭގައި ބޮޑެތި ފައިދާތަކެއް ލިބޭ ކަމަށެވެ. އެގޮތުން ތިން އަހަރުގެ ޑިއުޓީ ފްރީ ޕީރިއަޑެއް ލިބޭކަން ޖަނާ ފާހަގަކުރެއްވި އެވެ.

ޖަނާ ވިދާޅުވީ މިވަގުތު ރާއްޖޭގައި ހިނގަމުންދަނީ ސީރިއަސް އިންވެސްޓްމެންޓުތަކެއް ކަމަށާއި، މިއީ މީގެ ކުރިން ރާއްޖޭގައި ދުވަހަކު ވެސް ހިނގާފައި ނުވާފަދަ ގޮތަކަށް ވަމުންދާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވަން މި އުޅޭ އެއްޗަކީ، މިވަގުތު ރާއްޖެއަށް އައިސް ރާއްޖޭން ބިންބިމާއި ފަޅުތައް ގަތުމަށް އަންނަނީ ވިޔަފާރި ވަރަށް ސީރިއަސްކޮށް ނަގާ މީހުން. ފަޅެއް ގަތުމަށް 10 މިލިޔަން ޑޮލަރުން ފައިސާ ދެއްކުމަށް ތައްޔާރަށް ތިބޭނީ ވަރަށް ސީރިއަސް ވިޔަފާރިވެރިން،"

ޖަނާ ވިދާޅުވީ، މިވަގުތު އޭނާގެ ކުންފުނިން ވެސް ގެންދަނީ، މާލެ އަތޮޅުގައި ޖުމްލަ ހަތަރު ފަޅެއް ތަރައްގީ ކުރަމުން ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

22 ނޮވެމްބަރ 2016: ނިއުދިއްލީގައި ބޭއްވި ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މިއާ އެކު، ތައިލެންޑާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ އިންވެސްޓަރުން ވެސް އައުމުން، މާލެ ސަރަހައްދު ބަދަލުވެގެން ދާނެ، މިހާރު ހުރި ވަރަށް ވުރެ ފަސް ގުނައަށް ތަރައްގީވެ، ބޮޑުވެފައިވާ އިގްތިސާދީ ނާރެހަކަށް،" ޖަނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކަކީ އިންވެސްޓަރުންނަށް ވަރަށް ގަޔާވާ ފަދަ ސިޔާސަތުތަކެކެވެ. ޖަނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ، އިގްތިސާދާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި މިހާތަނަށް އައި އެންމެ ރަނގަޅު ސަރުކާރެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަަކުރަން، ރައީސް ޔާމީންގެ ސަރުކާރަކީ، އިގްތިސާދާއި ރައްޔިތުންނަށް ސަޕޯޓު ކުރުމުގައި މިހާތަނަށް އައި އެންމެ ރަނގަޅު އެއް ސަރުކާރު. މިކަމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި ފައިދާތައް ހޯދައިދިނުން،" ޖަނާހު ވިދާޅުވިއެވެ.