26 Nov 2016, 00:54
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކުރުމަށްފަހު، ޓީސީ ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ޓީސީން ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލްގައި 2-0 ލަނޑުން މާޒިޔާ ބަލިކުރުމަށްފަހު އެވެ.
ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޓީސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ އަހްމަދު އިމާޒް (އާއްކޮ)އަށް ލިބުނު ފުރުސަތާއި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އުފެއްދި ހަމަލާ ވެސް ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޓީސީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަސަން ނާއިޒް (ދާދު) އުފެއްދި ހަމަލާ ކީޕަރު އިމްރާން މުހައްމަދު މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އަލީ ފާސިރު (ސެންޓޭ) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޓީސީގެ ސެންޓޭއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭ އުފެއްދި ފުރަތަމަ ހަމަލާ ގޯލާ އަމާޒުނުވި އިރު، ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ދެ ވަނަ ހަމަލާ މާޒިޔާގެ ކީޕަރު އިމްރާން ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.
ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޓީސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 56 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ދާދު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ އަރިމަތިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 69 ވަނަ މިނެޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަޝްއަދު އަލީ (އަޑުބަރޭ) ބޮލުން ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި އިސްމާއިލް އީސާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދު އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޓީސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ އެންމެ ފަހު މިނެޓުގައި ވެސް ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ނާފިއު ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ނިޒާމްބެ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ޓީސީ ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ.