25 Nov 2016, 23:36
ރާއްޖޭގައި ބާއްވާ ފުރަތަމަ ހެލްތު އެންޑް މެޑިކަލް އެކްސްޕޯ، ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާއިރު، މާދަމާ ވެސް އާއްމުންނާ ގުޅުންހުރި މުހިއްމު ސިއްހީ މައްސަލަތަކާއެކު ޑޮކްޓަރުންނާ ވާހަކަދައްކާލައި މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް އޭޑީކޭގެ ފަރާތުން ކުރިއަށްދާނެ އެވެ.
މުޅިއެކު 16 ސްޓޯލާއެކު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި މެޑިކަލް އެކްސްޕޯ މާދަމާ ވެސް ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ހުޅުވިފައި ހުންނާނެ އެވެ.
އެކްސްޕޯގެ މެއިން ސްޕޮންސާ އޭޑީކޭއިން، އެކްސްޕޯގައި އެ ހޮސްޕިޓަލުން ދޭ އަލްޓްރާ ސައުންޑް ސްކޭން ހިލޭ ހަދައިދިނުން މާދަމާ ދެ ގަޑިއެއްގައި ކުރިއަށްގެންދާނެ އެވެ.
އެގޮތުން، މާދަމާ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އަލްޓްރާ ސައުންޑް ސްކޭން ހެދުމުގެ ފުރުސަތު ހުޅުވާލާއިރު، އެކްޒިމާ ހުންނަ ކުޑަކުދިންނަށް ދޭނެ ހަމުގެ ފަރުވާ އާ ގުޅޭގޮތުން ހަވީރު 4:00 އިން 6:00 އަށް ޑާމަޓޮލަޖިސްޓް ޑރ. ނުޒުހާ މުހައްމަދު މައުލޫމާތު ދެއްވާނެ އެވެ.
އޭގެ އިތުރުން ޑައިބެޓިސް އާ ގުޅޭގޮތުން އެންޑޯކްރިނޮލޮޖިސްޓް ޑރ. ސަންދީޕް ޗައުދަރީ، ހަވީރު 5:00 އިން އިރުއޮއްސި 7:00 އާ ހަމައަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާއިރު ސިއްހަތަށް ރަނގަޅު ކެއުމާ ގުޅޭގޮތުން އިރުއޮއްސި 7:00 އިން ރޭގަނޑު 8:00 އަށް ޑައިޓީޝަން މަރިޔަމް ނަޖްލާ މައުލޫމާތު ދެއްވާނެ އެވެ.
އަދި ރޭގަނޑު 8:00 އިން 10:00 އަށް ގައިނިކޮލޮޖިސްޓް ޑރ. ނަޒްމާ ހަމީދު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ އެވެ. ޑރ. ނަޒްމާ މައުލޫމާތު ދެއްވާނީ ވިހެއުމާ ގުޅޭގޮތުން ކޮންމެ މަޔަކަށް ވެސް އިނގެންޖެހޭނެ މައުލޫމާތުތަކުގެ މައްޗަށެވެ.
މެޑިކަލް އެކްސްޕޯގައި އިންޑިއާގެ ހަ ހޮސްޕިޓަލަކާއި އައިޖީއެމްއެޗް އަދި ހެލްތް މިނިސްޓްރީންވެސް ބައިވެރިވެއެވެ. އިންޑިއާގެ ހޮސްޕިޓަލުގެ ތެރެއިން ގްލޯބަލް ހޮސްޕިޓަލްސް، މަނިޕާލް ހޮސްޕިޓަލް، ޕްރަސާންތު ފާޓިލިޓީ ރިސާޗް ސެންޓަރ، ޗައިތަންޔާ އައި ހޮސްޕިޓަލް، ކޮލިޓޭޓް މެޑިކެއާ އަދި އާނަންތަޕޫރީ ހޮސްޕިޓަލް ހިމެނެ އެވެ.
އެ ހޮސްޕިޓަލުތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުން އިންޑިއާއަށް ބޭސްފަރުވާއަށް ޒިޔާރަތްކުރައްވާ ދިވެހިންނަށް އެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަށް ދެއްކުމަށް ކަންތައްތައް ކުރަން ޖެހޭނެ ގޮތުގެ މައުލޫމާތާއި ލިބޭނެ ހިދުމަތްތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެ އެވެ.
އާއްމުންނަށް ހިލޭ ވަނުމުގެ ފުރުސަތު އޮންނަ އެ އެކްސްޕޯއިން އިންޑިއާގެ ޗެންނާއީއަށް ދިއުމަށް ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތާއި އައިޕެޑެއް ހޯދުމުގެ ފުރުސަތު ކޮންމެ ދުވަހަކު ލިބޭނެ އެވެ.
މެޑިކަލް ހެލްތު އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.