25 Nov 2016, 22:21
އިންޑިއާގެ އެންމެ ކާމިޔާބު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާއާއެކު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖެ އަތުވެއްޖެއެވެ.
މަނީޝް ވަނީ ކެޓްރީނާއާއެކު މިއަދު ރާއްޖެ އައިސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ނަގާފައިވާ ސެލްފީއެއް އޭނާގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ. އޭނާގެ ފޮޓޯއާއެކު ބުނެފައިވަނީ އެމީހުން ރާއްޖެ އައިސްފައިވަނީ ފެޝަންޝޫޓް އަކަށް ކަމަށެވެ. ނަމަވެސް އެމީހުން ޝޫޓްކުރަނީ ކޮންތާކު ކަމެއް ބުނެފައެއްނުވެ އެވެ.
ބޮލީވުޑްގެ ގިނަ ލީޑިން އެކްޓަރެސްތަކުގެ ހެދުން ފަރުމާކޮށްދީފައިވާ އަދި ކޮސްޓިއުމް ޑިޒައިންކުރުމުގެ އިތުރުން ގިނަ އެވޯޑްތަކެއް ހޯދާފައިވާ މަނީޝްގެ އިންސްޓަގްރަމް ޕޯސްޓްގައި ބުނެފައިވަނީ މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރު ކަމަށާއި ސީޕްލޭންގައި ދަތުރުކުރުމަކީ މަޖާ ކަމެއް ކަމަށެވެ.
މިއީ މަނީޝް ރާއްޖެ އައި ފުރަތަމަ ފަހަރު ނަމަވެސް ކެޓްރީނާ މީގެ ކުރިން ވަނީ އޭނާގެ ކުރީގެ ލޯބިވެރިއާ ރަންބީރު ކަޕޫރާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ.
ޝޫޓަކަށް ކެޓްރީނާއާއެކު މަނީޝް ރާއްޖެ އައިސްފައިވާއިރު މިއަހަރުގެ މާޗް މަހު ނެރުނު "ވޯގް އިންޑިއާ"ގެ އަދަދަކަށް ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާ ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ޝޫޓެއް ނަގާފައެވެ.