25 Nov 2016, 21:37
މާލޭގެ އުތުރުގައި، އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކަރ ކަޕް، ކުލަގަދަ ރަސްމިޔާތަކާއެކު މާދަމާ ފަށާނެއެވެ.
މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ޓީމުތައް ބައިވެރިވާއިރު، ސިޔާމް މައުރޫފް ސޮކާ ކަޕުގެ ސަބަބުން ނ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ކުޅުންތެރީންނަށް ފުރަތަމަ ޑިވިޝަނުން ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ބުންޏެވެ.
މާދަމާ ފަށާ ސިޔާމް މައުރޫފް ސޮކާ ކަޕާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތުދެމުން އައްސަދު ބުނީ، އެ މުބާރާތުގެ މަގްސަދަކީ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން ކަމަށާއި މުބާރާތުގެ ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ފުރަތަމަ ޑިވިޝަނުން ނ. އަތޮޅުގެ ކުޅުންތެރީންނަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ މަޤްސަދަކީ ނ. އަތޮޅުގެ ރަށްތަކުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަން ބަދަހިކޮށް ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން. ނ. އަތޮޅުގެ ކުޅުންތެރީންނަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފައިވޭ. އަދި ކުރިއަށްއޮތްތާ މި މުބާރާތުގެ ސަބަބުން އަތޮޅުގެ ކުޅުންތެރީންނަށް ފުރުސަތުތަކެއް ލިބިގެންދާނެ،" އޭނާ ބުންޏެވެ.
އައްސަދު ބުނީ، ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ސިޔާމް މައުރޫފް ސޮކާ ކަޕުގައި މި އަހަރު އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް ބައިވެރިވެފައިވާ ކަމަށާއި އެއީ އަތޮޅުގެ ފުޓްބޯޅައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މި ފަހަރު ނ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް މުބާރާތުގައި ބައިވެރިވޭ. އަތޮޅުގެ 13 ރަށުން ވެސް މުބާރާތުގައި ބައިވެރިވާނެ. މުބާރާތުގައި ބައިވެރިވި ހުރިހާ ރަށެއްގެ ޓީމުތައް މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވުމަށް އެއް ޓީމު އަނެއް ޓީމާ ދެމެދު މެޗުތަކެއް ކުޅެފައިވޭ،" އޭނާ ބުންޏެވެ.
އެފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނެންގެވުމުން އެ ދެ ބޭފުޅުންނަށް އައްސަދު ވަރަށް ހާއްސަ ޝުކުރެއް ވެސް އަދާކުރިއެވެ.
ވޭތުވެދިޔަ ދެ އަހަރު ކުޑަފަރީގައި އެ މުބާރާތް ބޭއްވި ނަމަވެސް، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ކެނދިކުޅުދޫގައެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކުޑަފަރީ އާއި މަގޫދޫ އެވެ. އެ މެޗު ފެށޭނީ މާދަމާ ހަވީރު 4:00ގައެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.