25 Nov 2016, 20:49
މުދަލު ޒަކާތް ބަލައިގަތުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު މާލޭ ސަރަހައްދުން ޒަކާތް ނުގެންދަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންގެ ތެރެއިން 103 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހާނީ، ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ. އެގޮތުން މިއަހަރުގެ މުދަލުގެ ޒަކާތް ޒަކާތް ބެހުން މިމަހުގެ 21-24 އަށް އިސްލާމިކް މަރުކަޒުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަހަރު މުދަލުޒަކާތުގެ ފައިސާ ހޯދުމަށް ފަގީރުންގެ ގޮތުގައި 12335 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަހައްދުން ރަޖިސްޓްރީ ކުރި 2239 މީހުން ހިމެނޭ ކަމަށެވެ.
އޭގެ ތެރެއިން މިއަހަރުގެ މުދަލުގެ ޒަކާތް ނުގެންދަނީ އެންމެ 103 މީހުންނެވެ. އެއީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި މީހުންގެ 4.6 ޕަސެންޓެވެ.
އޮފިޝަލު ވިދާޅުވީ، ޒަކާތް ނުގެންދާ މީހުންނަށް ވެސް ގުޅައިގެން ޒަކާތް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހެއްގެ އައިޑީކާޑު ގެނައުމުން ޒަކާތް ދޫކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އަތޮޅުތެރޭގެ ފައިސާ ދޫކުރާނީ ރަށްރަށުގެ ރަށު ކައުންސިލްތައް މެދުވެރިކޮށް، އެރަށެއްގެ ރަށު ކައުންސިލުން ހަމަޖައްސާ ދުވަސްތަކާ ވަގުތުތަކެއްގައި ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި 9936 މީހުންނަށް ދޭންޖެހޭ ފައިސާ ރަށު ކައުންސިލްތަކަށް ޖަމާކޮށްފައިވާނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ ދޫކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، ޖުމްލަ 11،101،500 ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނެއެވެ.