ކޮންމެ އަހަރެއްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތައްޔާރުކޮށް ނެރޭ "ގައުމީ ލަވަ އަލްބަމް" އަށް ބޮޑު ބަދަލެއް ގެނެސް، މިއަދު ނެރެފިއެވެ.

ދެހާސް ދެވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމްގެ 16 ވަނަ އަލްބަމް މިއަދު ނެރެފައިވަނީ ޓީވީއެމް އިން ގެނެސްދޭ އެންމެ މަގްބޫލު އެއް ޝޯ، "ހޭޔަންބޯ" ޕްރޮގްރާމްގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމް ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި މިއަދު ނެރެނީ --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ، މިއަހަރުގެ ގައުމީ ލަވަ އަލްބަމަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެހެން ހުރިހާ އަހަރު ނެރެމުން އައި ސީޑީގެ ބަދަލުގައި މިއަހަރުގެ އަލްބަމް ޕެން ޑްރައިވެއްގައި ނެރެފައިވާއިރު އަލްބަމްގައި ހިމެނޭނީ ބޮޑުބެރުގެ ސަގާފީ ވީޑިއޯ ލަވަތަކެކެވެ.

އެގޮތުން ޖުމަލް ހަތް ލަވައެއް ހިމެނޭ މިއަހަރުގެ އަލްބަމުގައި އެމްއެންޑީއެފްގެ ބޮޑުބެރު ގްރޫޕުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ ހަބޭސް، ހަރުބީ، ވަރުނުލާ، މަންދީރަ، ބިދަބިން ބޮޑުބެރު ގްރޫޕުގެ އިތުރުން އަންހެން ބޮޑުބެރު ގްރޫޕެއް ކަމަށްވާ ފަތްމިނި ބޮޑުބެރު ގްރޫޕުގެ ލަވަތައް ހިމެނެއެވެ.

އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމް މިއަހަރު ނެރެފައިވަނީ ޕެން ޑްރައިވެއްގައި --- ފޮޓޯ/ އެމްއެންޑީއެފް

މިއަހަރުގެ އަލްމަބްގެ ލަވަތަކަށް ޅެން ހައްދަވާދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފުވެރިޔާ އަދި ކުރީގެ ވަޒީރު އަބްދުއްރަޝީދު ހުސައިނާއި އާދަމް ނަސީރު އިބްރާހިމް އަބްދުﷲ އަފީފުގެ އިތުރުން ޖައުފަރު އަބްދުއްރަހުމާނާއި ރަމްލާ އަބްދުލްޣަނީ އަދި ކޮމާންޑް ސާޖަންޓް މޭޖާރ އަބްދުﷲ ސައީދެވެ.

މީގެ އިތުރުން އެ އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސާވިސް އިންނެވެ.

އެމްއެންޑީއެފް އިން ބުނީ، އަލްބަމްގައި ހިމެނޭ ލަވަތައްއެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންބަލާލެވޭގޮތަށް ހަމަޖެހިފައިވާއިރު، އަލްބަމްގެ އޯޑިއޯ ވާޝަންއެމްއެންޑީއެފް ސައުންޑް ކްލައުޑް އެކައުންޓުންޑައުންލޯޑު ކުރެވޭނެ ކަމަށެވެ.