އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ، ފިރިހެނުންނެކޭވެސް އެއްފަދައިން މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދީ، ޖިންސީ ތަފާތުކުރުންތައް ނައްތާލައިގެން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ދުންޔާ ވިދާޅުވީ މިދިޔަ 10 އަހަރު ދުވަސް ތެރޭގައި، ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކޮށްފައިވަނީ ފާހަގަކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް، ގެެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި ދާދި ފަހުން ފާސްކުރި ޖެންޑާ އީކުއަލިޓީ ގާނޫނު ތަންފީޒުކުރުން ދުންޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ހުންނަ، އދގެ އާބާދީއާ ބެހޭ އޮފީސް (ޔޫއެންއެފްޕީއޭ)ގައި ވެސް މީގެ ކުރިން އިސްވެރިއެއްގެ ގޮތުގައި ހުންނެވި ދުންޔާ ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ މުޖުތަމައުގައި، އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދީގެން ކަމަށެވެ.

"2004 ގައި ސަރުކާރާއި ބައެއް ޖަމިއްޔާތައް ގުޅިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 15 އަހަރާ 49 އަހަރާ ދެމެދުގެ، ކޮންމެ ތިނަކުން އެއް އަންހެނަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ، ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ތަހައްމަލު ކޮށްފައިވާ މީހެއް. އޭގެ 10 އަހަރަށް ވުރެ ފަހުން ބަލާއިރުވެސް، މިކަމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވޭ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ މައްސަލައަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން، ވަކި ޚާއްސަ ގޮތަކަށް ހައްލުކުރަންޖެހޭ މައްސަލައެކެވެ. އަދި މިކަން ކާމިޔާބުކަމާ އެކު ނައްތާލެވޭނީ، އެކަމަށް ބޭނުންވާ ވަރަށް ވަސީލަތްތައް ހުރެގެން ކަމަށް ދުންޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އދއިން އެކުލަވާލި، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފަސްވަނަ ލަނޑުދަނޑިއަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމެވެ.

ދުންޔާ ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް 2030 އާ ހަމައަށް ހާސިލުކުރަން ރާއްޖެއިން ވެސް މަސައްކަތް ކުރަން ހަމަޖެހިފައިވާ އިރު، ދެމެހެއްޓެނެވި ތަރައްގީއަށް އެންމެ މުހިންމު ކަމަކީ، ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުން ރައްކާތެރިކޮށް، ބާރުވެރިކުރުން ކަމަށެވެ.

"ވަކިން ޚާއްސަކޮށް މިއީ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރެވޭ ދުވަސްވަރަށް ވާ އިރު، އަޅުގަނޑު ގޮވާލަން ސަރުކާރަށް، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ތަރައްގީގެ މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ބަލައިގަނެ، މި ލަނޑުދަނޑި ހާސިލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށާއި، އަދި މިކަންތައް ކުރުމަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް،"

މީގެ އިތުރުން ދުންޔާ ވަނީ، މިދިޔަ އަހަރުގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގައި، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމާ ބެހޭ މުއާހަދާ (ސީޑޯ)އިން ފާހަގަކޮށްފައިވާ ކަންކަމަށް އިތުރު އަހައްމިއްޔަތެއް ދިނުމަށް ވެސް ސަރުކާރަށް ގޮވާލައްވައިފައެވެ.