މާލެ އަތޮޅުގައި އޮންނަ އަދާރަން ޕްރިސްޓިޖް ވާދޫ ރިސޯޓް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދެ ފަތުރުވެރިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނި ގޮތުގައި، ވާދޫ ރިސޯޓްގެ އުތުރުފަރާތުން ޓްރާންސްޕޭރަންޓް ސީބެޑެއްގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ފަތުރުވެރިން ފެނިފައިވާ ކަމަށާއި އެ ދެމީހުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީންގައި މާލެ ގެންނަން ދަތުރުފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ސަން އަށް ވިދާޅުވީ، އެމީހުން ފެނިފައިވަނީ ވާދޫ ރިސޯޓުން 12 ވަރަކަށް މޭލު ދުރުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ފެނުނީ ކޮން ބަޔަކަށް ކަމެއް އަދި އެމީހުންގެ ހާލެއް އަދި ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވާދޫ ރިސޯޓް މޫދަށް އެރިއުޅެނިކޮށް ގެއްލުނީ ޗައިނާގެ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ. އަދި އެއީ ދެ ލޯބިވެރިންނެވެ.

ވާދޫ ރިސޯޓް މޫދަށް އެރިއުޅެނިކޮށް ދެ ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ ރޭ 9:03 ހާއިރުއެވެ. އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ތިން ލޯންޗެއް ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެމީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ.