25 Nov 2016, 12:33
މާލެ އަތޮޅުގައި އޮންނަ އަދާރަން ޕްރިސްޓިޖް ވާދޫ ރިސޯޓް ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެއްލިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު ސަން އަށް ވިދާޅުވީ، އެ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށްފައިވަނީ ރޭ 12:03 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ އެ ފަތުރުވެރިން އެންމެ ފަހުން ފެނިފައިވަނީ ވާދޫ ރިސޯޓްގެ އުތުރުފަރާތުން ޓްރާންސްޕޭރަންޓް ސީބެޑެއްގައި މޫދަށް އެރި އުޅެނިކޮށެވެ.
އަދުނާން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް ކަމަށާއި އެ ދެމީހުންނަކީ ދެ ލޯބިވެރިން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ވާދޫ ރިސޯޓުން ދެ ފަތުރުވެރިއަކު ގެއްލިގެން ރިޕޯޓްކުރުމުން ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑު ނޫރައްދީން ލޯންޗު އަދި ކޯސްޓްގާޑު ހަކުރާ ލޯންޗުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސް އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، އެ ދެ ފަތުރުވެރިންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ތަކާއި އެ ސަރަހައްދުގައި ޑައިވްކުރާ ފަރާތްތަކާއި ވޯޓާރ ސްޕޯޓްސް ހަރަކާތްތައް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އިލްތިމާސްކުރެއެވެ.