25 Nov 2016, 12:10
ޔޫރޮޕާ ލީގުގައި ނެދަލެންޑްސްގެ ފެޔަނޫޑް އަތުން މޮޅުވެ، އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޔޫރޮޕާ ލީގު 'ގްރޫޕް އޭ'ގެ މެޗުގައި ފެޔަނޫޑް އަތުން ޔުނައިޓެޑް މޮޅުވީ ފަސޭހަކަމާއެކު 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ޒްލަޓަން އިބްރަހިމޮވިޗް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ އެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ވަރަށް ރީތިކޮށް ފެޔަނޫޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފެޔަނޫޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
ޔުނައިޓެޑުން ޖެހި ފަހު ތިން ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ޔުނައިޓެޑުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ރޫނީ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު އިތުރަށް ފުޅާވެގެންދިޔައީ ފެޔަނޫޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޔުނައިޓެޑްގެ ސްވިޑަން ތަރި އިބްރަހިމޮވިޗް އުފެއްދި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައި ވަނީ ފެޔަނޫޑްގެ ގޯލުކީޕަރު ބްރެޑް ޖޯންސްގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފެޔަނޫޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެންޓޯނިއޯ ވެލެންސިއާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހެސޭ ލިންގާޑެވެ.
'ގްރޫޕް އޭ'ގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތް އިރު، އެއް ވަނައިގައި އޮތް ތުރުކީގެ ފެނަބާޗޭ އަށް ފަސް މެޗުން ލިބިފައި ވަނީ ދިހަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ފެޔަނޫޑް އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ޔޫކްރޭނުގެ ޒޯރިޔާ އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި ވިކްޓޯރިއާ ޕްލެޒެން ކޮޅަށް އެޑިން ޖެކޯ ކާމިޔާބުކޮށްދިން ލަނޑަށްފަހު، ރޯމާގެ ކުޅުންތެރިން އުފާފާޅުކުރަނީ: ރޭ ކުޅުނު އެ މެޗުން ރޯމާ މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ
ރޭގެ މެޗުން މޮޅުވެ، އިޓަލީގެ ރޯމާ އިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ރޭ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގައި ރޯމާގެ އެޑިން ޖެކޯ ހެޓްރިކެއް ފުރިހަމަކުރި އިރު، އެ ޓީމުގެ އަނެއް ލަނޑަކީ ޕްލެޒެންގެ އަލެސް މަޓެޖޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕްލެޒެންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޒޭމަން އެވެ.
'ގްރޫޕް އީ'ގެ އެއް ވަނައިގައި އޮތް ރޯމާ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރޫމޭނިއާގެ އަސްޓްރާ އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނަގައި އޮތް އޮސްޓްރިއާ ވިއެން އަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ޕްލެޒެން އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.