މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ބާއްވާ އިސްލާމީ ބައިނަލްއަގްވާމީ ސަމިޓެއްގައި ބައިވެރިވުމަށް ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާގެ ހަތަރު ދަރުމަވެރިއަކު މެލޭޝިއާއަށް ފުރައިފިއެވެ.

މެލޭޝިއާއަށް ރޭ ފުރި ރަފީ ޖަމިއްޔާގެ ހަތަރު މެމްބަރުން ބައިވެރިވާނީ ނޮވެމްބަރު މަހުގެ 26 އިން 29 އަށް އެގައުމުގައި ބާއްވާ "ފަސްޓް އިންޓަނޭޝަނަލް ސަމިޓް އެންޑް އެޑްވާންސްޑް ޓްރެއިނިން ޕްރޮގްރާމް އޮން: އިންކޯޕަރޭޓިން ވާޗު އެންޑް އެތިކްސް އިން ޔޫތު ލީޑާސް (މައި އަޚްލާގް 1) ގައެވެ.

ރާއްޖެއާއި ދެކުނު އޭޝިއާގެ ޒުވާނުންނަށް ދިމާވާ މައްސަލަތަށް ހައްލުކޮށްދީ އެ ފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން އުފައްދާފައިވާ ރަފީ ޖަމިއްޔާގެ ފަރާތުން ބައިވެރިވާ ހަތަރު ޒުވާނުންނަކީ:

  • އަހުމަދު ޝައްމޫން، މއ. ނެވާކޯން، މާލެ

  • ޝާހީ ހަބީބް، އަރުތަ، ގއ. ކޮލަމާފުށި
  • އަހުމަދު ޝަރީފް، ޕްލާޒާ، ނ. ހޮޅުދޫ
  • އިސްމާއިލް ޝިހާބް، ކަނޑުއޮޅި، ގއ. ވިލިނގިލި

ޒުވާން ލީޑަރުނަށް ހިތްވަރުދީ އެފަދަ ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ މި ސަމިޓަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އިސްނަގައިގެން ބައްވާ މިފަދަ ފުރަތަމަ ސަމިޓެވެ.

އިސްލާމީ ދުނިޔޭގެ ޔުނިވާސިޓީތަކާ ތައުލީމީ އިންސްޓިޓިއުޓްތަކުގެ ޒުވާން ލީޑަރުން ބައިވެރިވާ އެ ސަމިޓުގައި ދުނިޔޭގެ 40 ގައުމަކުން ޒުވާނުން ބައިވެރިވާނެ އެވެ.

ރަފީ ޖަމިއްޔާއިން ބުނީ، ރާއްޖެއާ އެ ޖަމިއްޔާ ތަމްސީލްކުރުމަށް ލިބުނު އެ ފުރުސަތުގެ ސަބަބުން ދިވެހި ޒުވާނުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މެލޭޝިއާއަށް ފުރި ބައިވެރިންނަށް ސްރީ ލަންކަން އެއާލައިންސްގެ ފަރާތުން ދެއްވި އެހީތެރިކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި 'ރަފީ' އުފެދިގެން މިހާތަނަށް އައިއިރު އެ ޖަމިއްޔާގެ ހިންގުންތެރި ރައީސް އަދި މިއަހަރުގެ ޒުވާނުންގެ އެވޯޑް ހާސިލްކުރައްވާފައިވާ އައިޝަތު ރަފިއްޔާގެ ބެލުމުގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.