ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި 12 ޑޮލަރު (185 ރުފިޔާ) ނެގުމަށާއި އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު (385 ރުފިޔާ) ނެގުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވޯޓު ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައިއަތު ހިއްޕެވި ގާސިމާއި މުސްތަފާ އެ ބިލަށް ވޯޓު ދެއްވިއިރު، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ތިން މެމްބަރަކު ވަނީ އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. އެމްޑީޕީ ޕާލަމެންޓްރީގެ ގްރޫޕުގެ 15 މެމްބަރަކު ވޯޓު ދެއްވީ އެ ބިލު ފާސްކުރުމާ ދެކޮޅަށެވެ.

އެ ބިލު ފާސްކުރުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ވޯޓު ދެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

އެ ބިލު ފާސްކުރަން ޖޭޕީ ޕާލަމެންޓްރީ ގްރޫޕުން ގާސިމާއެކު ވޯޓު ދެއްވީ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމުގައި، ރައީސް މައުމޫންގެ ފެކްޝަންގައި ހުންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސަރުކާރުން ހުށަހެޅި ބިލާ އެއްކޮޅަށް ވޯޓު ދެއްވިއިރު، އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މަޖިލީހުގައި ނެގި ވޯޓުގައި ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމަށް ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރުމަށް، ޕީޕީއެމްގެ 40 މެމްބަރުންގެ ވޯޓު ދެއްވި އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ ޖުމްލަ 48 މެމްބަރުންގެ ވޯޓާއެކުގަ އެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އެވެ.

ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ރޭ އިރާކޮޅު ބެއްވި ޖަލްސާއެއްގަ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އެއާޕޯޓް ސާވިސް ޖާޖުގެ ގޮތުގައި މިހާރު ވެސް ނަގަމުންދާ 12 ޑޮލަރާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި އަލަށް ނަގާ 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ކޮންމެ ދިވެއްސެއްގެ އަތުން ނަގަންޖެހޭނެ އެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިހާރު ނަގަމުންދާ 25 ޑޮލަރާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޖާޗުގެ ގޮތުގައި އަލަށް ނަގާ 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު ބިދޭސީންގެ އަތުން ނަގަންޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އެއާޕޯޓް ސާވިސް ޖާޖު ނެގުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުޓީ ލިބިފައިވާ ފަރާތްތައް ހިމެނެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާނީ އެ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވާ ތާރީހު ހިމެނޭ މަހާ ވިދިގެން ފެށޭ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.