މިސްރުގެ ސޮހާގް ޕްރޮވިންސުން 7000 އަހަރަށްވުރެ ގިނަ ދުވަސްވީ ޤަދީމީ ސިޓީއެއް ފެނިއްޖެ އެވެ.

އެގައުމުގެ އެންޓީކް މިނިސްޓްރީން ބުދަ ދުވަހު ބުނެފައި ވަނީ އެ ސިޓީ ފެނިފައިވަނީ އެ ގައުމުގައި ހުންނަ "ސެޓީ 1" ޓެމްޕަލްގެ 400 މީޓަރު ދުރުގެ ސަރަހައްދަކުންނެވެ.

މި ހޯދުމާ އެކު އެގައުމުގެ އާކިއޮލޮޖިސްޓުން ހާމަ ކުރާ ގޮތުގައި އެ ސިޓީ އަކީ ޤަދީމީ ޒަމާނުގައި މިސްރުގެ ނިއު ކިންގްޑަމް ސަރަހައްދުގެ ސިޓީ އެކެވެ. އެ ސިޓީ އޭރު އޮތީ ނީލު ކޯރު ކައިރީގައި އެވެ. މިހާރު މި ސަރަހައްދުގައި ބިނާ ކޮށްފައިވާ ސިޓީއަށް ކިޔާ ނަމަކީ "ލޫކްސާ" އެވެ.

އާކިއޮލޮޖިސްޓުން ކުރާ ދިރާސާގައި މިހާތަނަށް އެ ސަރަހައްދުގެ ބިން ކޮނެގެން ހަޓު ތަކާއި ގުޅި އާއި ކަންވާރު ފަދަ ޒާތުގެ ތަކެތި ފެނިފައިވެ އެވެ. އަދި 15 ވަރަށް ގަބުރު ފެނިފައިވާ ކަމަށް ވެސް އެފަރާތްތަކުން ހާމަ ކުރެއެވެ.

އެންޓީކް މިނިސްޓްރީން ހާމަ ކުރި ގޮތުގައި އެ ސަރަހައްދުން ފެނިފައިވާ ގަބުރުތަކަކީ "އަބީޑޯސް"ގެ ރަސްކަލުންގެ ގަބުރަށްވުރެ ސައިޒުން ބޮޑެވެ. އަދި އެ ކަށްވަޅުތަކަށް ބަލާއިރު، ކަށްވަޅުތަކުގައި ވަޅުލެވިފައިވާ މީހުންނަކީ އޭރު އެންމެ މަތީ ފަންތީގެ މީހުން ކަން ހާމަވާ ކަމަށާއި އެއީ މިސްރުގެ ޤަދީމީ ތާރީޚުގެ އެންމެ ކުރީގެ ދުވަސްތަކުގެ ތެރޭގައި ވަޅުލެވިފައިވާ މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި އަބީޑޯސް އަކީ އެގައުމުގެ އެންމެ ފުރަތަމަ ރަސްކަމުގެ ދުވަސްތަކުގައި އެގައުމުގެ ވެރިރަށެވެ. އާކިއޮލޮޖިސްޓުން ދަނީ އެ ސިޓީއާ ގުޅޭ ހޯދުންތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަލަށް ހޯދުނު އެ ސިޓީގެ ސަބަބުން އަބީޑޯސް ދިރާސާ ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެފަރާތްތަކުން ހާމަ ކުރެއެވެ.

މީގެ އިތުރުން ސޮހާގް ޕްރޮވިންސުން ފެނިފައިވާ 7000 އަރަށްވުރެ ގިނަ ދުވަސްވީ ސިޓީގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަން ކުރިއަށްވުރެ ކުރިއަރާނެ ކަމަށް ބެލެވެއެވެ.