25 Nov 2016, 11:56
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމަށް ސަރުކާރާ ދެކޮޅު އަށް މެމްބަރަކު ވޯޓު ދެއްވައިފި އެވެ.
ބަޖެޓް ފާސްކުރުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އިދިކޮޅު މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ އެމްޑީޕީގެ ދެ މެމްބަރަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަސް މެމްބަރަކާއި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމާއި މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ހުސައިން އަރީފެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން ބަޖެޓަށް ވޯޓު ދެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ.
ޖޭޕީގެ މެމްބަރުންގެ ތެރެެއިން ބަޖެޓަށް ވޯޓު ދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމެވެ.
ބަޖެޓް ފާސްކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ ހަ މެމްބަރަކު ވެސް ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވި އެވެ. އެ ބޭފުޅުންނާއެކު މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމަށެވެ.
ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ޚިޔާލުތަފާތުވެފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ބަޖެޓު ފާސްކުރަން ވޯޓު ދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ބަޖެޓް ފާސްކުރީ ޖުމްލަ 60 މެމްބަރުންގެ ވޯޓާއެކުގަ އެވެ. އަދި ބަޖެޓާ ދެކޮޅަށް 15 މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތަޅުމުގައި ތިއްބެވީ ދެ މެމްބަރެކެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ހަތަރު ބަޔަކަށް ބަހާލާފައިވާ ބަޖެޓުގައި ރައްޔިތުންނަށް ދޭ ހިދުމަތަށް 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު 10.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދަށް 3.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދަރަނި އަދާކުރުމުގެ ހަރަދު 5.9 ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވެ އެވެ.