25 Nov 2016, 13:14
ހއ.މާރަންދޫއިން އަހުމަދު ސާއިލް އަލީ
ދަބަރު ޖަހާފައިވާ ފުރޯ ތިލައަކުން ނުވަތަ ސައިބޯން ބޭނުން ކުރާ ހަކުރު ބޭނުންކޮށްގެން އޭނާ ބޮޑެތި ބަލިތަކަށް ބޭސްކުރެ އެވެ. ދަވާދާއި ކުނި ބުންްޏަށް އުކާލާ އެކިތަކެއްޗަކީ ވެސް އޭނާގެ ބޭސްވެރިކަމުގައި ބޭނުން ކުރާ ތަކެއްޗެވެ. މިއީ ދިވެހި ބޭސްވެރިކަމުގައި 45 އަހަރު ހޭދަކޮށްފައިވާ އަދި މިހާރުވެސް އެ ހިދުމަތުގައި ދެމިހުރި ހއ.މާރަންދޫ، ތިބުރޯޒުގެ، 63 އަހަރުގެ ހާލިދު މުހައްމަދު (ޑޮކްޓަރު ހާލިދު، ދަމާހާލިދު)ގެ ކުޅަދާނަ ބޭސްވެރިކަމުގެ ވާހަކަ އެވެ.
"އޭނާ ނުބުނާނެ ކޮންމެހެން އަގު ބޮޑު ބޭހެއް ހޯދާކަން، ކޮންމެވެސް ފަތްޕިލާވެއްޔެއް ނޫނީ އެހެން އެއްޗެއް ހޯދައިގެން ފަރުވާދޭނެ، ބޮނބި ކުނޑި ނޫނީ ދަވާދުން ނަމަވެސް ނޫނީ ހުއިގަނޑެއް ގެނެސްގެން ނަމަވެސް އެކަމެއް ފަސޭހަ ކޮށްދޭނެ،" ހާލިދުގެ އާދަޔާއި ހިލާފް ބޭސްވެރިކަން ދެކެފައިވާ މާރަންދޫ އަލީ ރަޝީދު، 55، ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގައިން ހަންފޮށި ފާރުވެފައިވާ ދެ މީހަކަށް ހާލިދު ސައިބޯ ހަކުރު ހާކައިގެންނާއި ދަވާދު ހާލައިގެން ދިން ފަރާއަކުން އެ ދެމީހުން ރަނގަޅުވި އެވެ.
"އެކެއްގެ ގައިގަ ހަކުރު އުނގުޅީ، ދެން އޭނަ ގަޔަށް ހިނިއަރުވައި ފަރުވާދީބެލިއިރު ރަނގަޅު، ދެން އެހެން މީހެއް ގައިން ހަންގޮސް ހުއްޓާ ދަވާދު އުނގުޅީ، އެ ދަވާދުތައް ފިލިއިރު އޭނާ ރަނގަޅު،" އޭނާއަށް ފެނިފައިވާ ހާލިދުގެ އާދަޔާ ހިލާފު ބޭސްވެރިކަން ކިޔައިދެމުން އަލީ ބުންޏެވެ.
އެފަދަ އެހެން ވާހަކައެއް މާރަންދޫގެ ދުވަސްވީ މީހެއް ކަމަށްވާ މޫސާ މުހައްމަދު، 82 ވެސް ކިޔައިދިނެވެ. އޭނާގެ ދަރިއެއް ނިދާފައި އޮއްވައި އެ ކުއްޖާގެ ފައިގަ މީދަލެއް ދަތް އެޅުމުން ވިހަވީ އެވެ. ޑޮކްޓަރަށް ދައްކައި ރަނގަޅު ނުވުމުން އޭނާ ހާލިދަށް ދެއްކި އެވެ. ހާލިދު އޭނާގެ ގާތު ބުނީ ދަބަރުޖަހާފައިވާ ތިލަފަޅިއަކާއި ބިލެތް ހުނި ގެނައުމަށެވެ. އެއަށްފަހު އެ ކުއްޖާގެ ފައިގަ އެ ހޭކުމުން ރަނގަޅުވި ކަމަށް މޫސަބޭ ބުންޏެވެ.
"ތިލަފަޅީގަ ބިލެތް ހުނި ހާކާފަ ފައިގަ ޖެއްސީ، ދެތިން ދުވަހު ހޭކީމަ ރަނގަޅުވެއްޖެ، ދެން އަދި މާ ފަހުން ހިތްހަމަޖައްސަން ޑޮކްޓަރަށް ވެސް ދެއްކިން، ޑޮކްޓަރުވެސް ބުނީ ރަނގަޅޭ،" ހާލިދުގެ އާދަޔާއި ހިލާފް ބޭސްވެރިކަން ތަޖުރިބާކޮށްފައިވާ މޫސަ ބޭ ބުންޏެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ ފަހުކޮޅު ހއ. ދިއްދޫގައި ދޯންޏެއް ބަނުމަށް މަސައްކަތް ކުރި މީހެއްގެ ދޯންޏެއްގެ ދަށުވެ އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ޗިސްވިއެވެ. ރާއްޖެއިން ބޭރު އެތައް ގައުމަކުން ވެސް ފަރުވާ ހޯދި އެވެ. ނަމަވެސް ފަސޭހަ ވާ ގޮތެއް ނުވުމުން މާރަންދުއަށް ގެނެސް ހާލިދުއަށް ދެއްކި އެވެ. އޭރު އޭނާގެ ގައިފޫއަޅައި ކަށިތައް ފެންނަން ހުއްޓެވެ. ގައިގެ ތަންތަން ނުބައިވެ "ކުނި"ވެފައި ހުއްޓެވެ. ލޭ ގަނޑުވެފައި ހުއްޓެވެ. އެންމެންވެސް ބުނަމުންދިޔައީ އޭނާއަށް އިތުރު ފަރުވާއެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް ހާލިދުގެ ބޭސްވެރިކަމުގެ ފެންވަރު ދައްކާލައި އެ ފާރުތައް ފަސޭހަ ކުރުމަކީ ހއ. އަތޮޅު އެތައް ބަޔަކު ހައިރާން ކަމާއެކު ދައްކާ ވާހަކައެކެވެ.
"އޮޑި ދަށުވެގެން އެ ގެނައި ދިއްދޫ މީހާ ފާރުތައް ރަނގަޅުކުރިޔޭ ހާލިދު، ގޮނޑީގައި އިނދެވޭވަރު ކުރިޔޭ، ހަށިތައްނުކުމެ ހުއްޓާ މަސްއެރުވި، އެކިއެކި ގޮތްގޮތުން ދިވެހި ބޭސްކޮށްގެން ރަނގަޅު ކުރީ،" މާރަންދޫގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހާކަމަށްވާ ހަސަން އާދަމް، 90 ބުންޏެވެ.
އޮޕަރޭޝަންތައް ނޫން ދެން ހުރިހާ ބައްޔަކަށް ދިވެހި ބޭސްކޮށްދޭ ހާލިދުގެ އެންމެ އާދަޔާއި ހިލާފް އެއްފަރުވާއަކީ ފުރަަގަސް ފަރާތު ބައްޔަށް ދޭ ފަރުވާއެވެ. އޭނާ ކައިރިން އެފަރުވާ ހޯދާފައިވާ އެތައް ބަޔަކު ކިޔައިދިން ގޮތުގައި ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކައި ބޭސްކޮށްގެން ރަނގަޅު ނުވި ކަންކަން އޭނާ ބޭސް ޖަހައިގެން ރަނގަޅުކޮށްދެ އެވެ. އެކަމަށް އޭނާ ބޭނުން ކުރަނީ ދިވެހި ބޭހެކެވެ. އެ ބޭސް ޖަހައި ފުރަގަސް ފަރާތު ބަލި އެއްކޮށް ފަސޭވަ ވާ ކަމަށް އެތައް ބަޔަކު ބުންޏެވެ.
"ބޭހެއް ޖެހީ، ބޭސް ޖަހައިގެން ވައްޓާލީ، ދިހަވަރަކަށް ދުވަހު ޖެހީވެސް، މިހާރު ނުލާހިކު ރަނގަޅު،" ފުރަގަސްފަރާތު ބައްޔަށް ހާލިދު ފަރުވާ ދީފައިވާ މޫސާ މުހައްމަދު ބުންޏެވެ.
ކޮންމެ އަކަސް ހާލިދުގެ އެ އާދަޔާ ހިލާފު ބޭސްވެރިކަމުގެ ތަފްސީލީ ތަޖުރިބާ ފުރަތަމަ ހިއްސާކުރި ނޫސްވެރިޔާގެ ނަސީބް އަޅުގަނޑަށް ލިބިއްޖެއެވެ.

ހާލިދު ސަން އަށް އިންޓަވިއޫ ދެނީ--
އޭނާ ބުނާ ގޮތުން އޭނާގެ އަތަކީ ސުކޭން ކުރާމެޝިނެވެ. އަތްލުމުން ނުވަތަ އެމީހަކު ހިނގާބިނގާވެ އުޅޭ ގޮތުން އެމީހެއްގެ މައްސަލަ ދެނެގަނެވެ އެވެ. އަދި ބޭސް ތައްޔާރުކުރަން އެ ހުރިތަނަކުން ތަކެތި ހޯދޭނެ އެވެ.
"މިތަނުގައި ވެސް އެބަ ހުރި ބޭސް ހެދޭނެ އެއްޗިސް (އަތިރިމަތީ ބިންމައްޗަށް އިޝާރާތްކޮށްލާފަ)، ހުރިހާ އެއްޗެއް ވެސް ލިބޭ، އަމިއްލައަށް ބެސް ހަދަން، އެ ދެން މަށަށް އެނގޭނެތާ ހަދަންޖެހޭ ބޭސް، އެގޮތަށް ހަދަނީ،" ބޭސް ތައްޔާރުކުރާގޮތާ ގުޅޭގޮތުން ސުވާލުކުރުމުން ހާލިދު ބުންޏެވެ.
މަންމައަށް ދޭންފެށި ހިދުމަތުން ލައްކައެއްހާ މީހުންނަށް ފަރުވާ!
މީގެ 45 އަހަރު ކުރިން 1971 ވަނަ އަހަރު އޭނާ ދިވެހި ބޭސްވެރިކަން ފެށިއިރު އުމުރަކީ 19 އަހަރެވެ. ޝައުގުވެރިން އައީ މަންމައަށް ހިދުމަތްކޮށް ދޭން ފެށި ހިސާބުންނެވެ. މަންމަ އާއި ހިސާބުން ފެށި އެ ހިދުމަތް ލައްކައަކަށްވުރެ ގިނަ މީހުންނަށް ދީ މިއަދު އެއީ ފުރަގަސް ފަރާތުގެ ބައްޔަށް ދިވެހި ބޭސްކުރާ ނަން މަޝްހޫރު ޑޮކްޓަރު ހާލިދެވެ.
"އާއިލާއަކު ވެސް ނުހުރޭ އެ ކަހަލަ ކަމެއް ކުރާ މީހެއް، މަންމަ ބުރަކޮށް އުޅެފަ ބުނާނެ މިވެނި ތަނެއްގަ ރިއްސަނިއްޔޭ، ދެން އެތަންތާ ތެޔޮ ދަމަން ފެށީ، އެހެން ގޮސް ވަރަށް ޝައުގުވެރިވީ،" ހާލިދު ބޭސްވެރި ކަމަށް ނުކުތް ގޮތް ކިޔައިދެމުން ބުންޏެވެ.
ބޭސްވެރިކަން ދަސްކުރަން ހާލިދު ފުރާވަރުގައި ޅ. ނައިފަރަށް ދިޔަ އެވެ. އެއަށްފަހު ކ. ހުރަޔަށް ދިޔަ އެވެ. ދެން ދިޔައީ ނ.މާފަރަށެވެ. ދިވެހި ބޭސް ހަދާނެ ގޮތުގެ ފޮތެއް ހާލިދުއަށް ދިނީ މާފަރު ކަލޭފާނެއެވެ. އެފޮތް ހިފައިގެން މާރަންދުއަށް އައިސް ދިވެހި ބޭސް ކުރަން ފެށިއެވެ. ބޮލުގަ ރިއްސުމުން ފެށިގެން ކަށީގެ ބަލިތަކަށް ވެސް ފަރުވާދިނެވެ. އޭރު އެންމެ ގިނައިން މީހުން އޭނާ ކައިރިން ހިދުމަތް ހޯދަނީ ކަށީގެ ކަންކަމަށެވެ. ހާއްސަކޮށް ހއ. ތަކަންދޫ އަދި މާރަންދޫ މީހަކަށް އޭނާގެ ހިދުމަތެއް ނުދޭ މީހަކު މަދެވެ. އެގޮތަށްގޮސް އުތުރުގެ އެތައް ރަށަކާއި އެންމެ ދެކުނު ރަށް ރަށުން މީހުން އައިސް އޭނާ ކައިރިން ދަނީ ފަރުވާ ކުރަމުންނެވެ.

"އޮޕަރޭޝަން ނޫން ހުރިހާ ފަރުވާއެއް ދެން، 45 އަހަރުވީއިރު ލައްކަ ބޭސް ކުރެވިފައެއްނު ހުންނާނީ، ލައްކައެއްހާ މީހުންނަށް ފަރުވާ ކުރެވިފަ ހުންނާނީ، ރެއެއް ދުވާލެއް ނޯންނާނެ ބުނީމަ ފަރުވާ ދީފަ ހުންނާނީ،" ހާލިދު ބުންޏެވެ.
އަގެއް ނުނަގާ ދޭ ހިދުމަތެއް!
"މިގޭގަ ހުރެވޭނެ، ކާން ލިބޭނެ، އާދޭ،" މިއީ ހާލިދުގެ ބޭސްފަރުވާ ހޯދުމަށް އޭނާއަށް ގުޅުމުން އޭނާ ދޭ ޖަވާބެވެ. ހާލިދު ގޭގައި އޭނާ ކައިރިއަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ހާއްސަ ކޮޓަރިހުރެއެވެ. އެ ކޮޓަރިތަކުގައި މީހުންތިބިނަމަ ގޭކައިރި ގޭތަކުންވެސް ކޮޓަރި ހޯދައެވެ. އަދި އޭނާގެ ގެއިން ކާންދީ ބޭސްކޮށްދެއެވެ. އެހުރިހާކަމެއްގެ ތެރެއިން އެންމެ އާދަޔާ ހިލާފު ކަމަކީ އެއްވެސް އަގެއް ނުނެގުމެވެ.
"އޭނާ އެހެންކޮށް ދޭ ބޭސް ފަރުވާއަށް އަގެއް ދޭކަށް ނުޖެހޭނެ، އެމީހަކަށް ފެންނަ އެއްޗެއް ދޭންވީ، ނުދޭން ފެންނަންޔާ ނުދޭންވީ، އަދި ފައިސާ ދިނީމަ އޭނަ ދީފާނެ އެވަރު ގިނަވެގެން ބާކީވެސް، އަނެއްކާ ނުވާނެއޭ ނުބުނާނެ، ކޮންފިޑެންސްއާއެކު ކޮށްލާނެ، ވަރަށް ތަފާތު މީހެއް އެއީ،" ހާލިދުގެ ތަފާތު ހިދުމަތް ކިޔައިދެމުން މާރަންދޫ ކައުންސިލްގެ ކުރީގެ ރައީސް ހަސަން ރިޒާ ވިދާޅުވިއެވެ.
ހާލިދު އާއި އެ ސުވާލު ކުރުމުން އޭނާ ބުނީ އެންމެންނަކީ މުއްސަނދިން ނުވާތީ އަގެއް ކިޔަން ބޭނުން ނުވާ ކަމަށެވެ. އެމީހަކަށް ފެންނަ އަގެއް ދިނުމުން އޭނަ ހިތްހަމަޖެހޭ ކަމަށް ހާލިދު ބުންޏެވެ. ފުރަގަސް ފަރާތު ބަލިނަމަ 2000 ރުފިޔާ ދިނުމަށް އެދެއެވެ. އެއީވެސް ވަރަށް ފަހުންނެވެ. ސަބަބަކީ ބަލީގެ ބާވަތާއި ކުރަންޖެހޭ ކަންތައްތަކުގެ ސަބަބުންނެވެ. އެ ހިދުމަތް ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން މިވަގުތުވެސް މާރަންދޫގައި އެބަތިއްބެވެ. އަދި ދޭތެރެ ދޭތެރެއިން ރަށްރަށަށް ދަތުރުކޮށްގެން ވެސް އޭނާ އެތައް ބަޔަކަށް އެހިދުމަތް ދެއެވެ.
އެދޭ ކޮންމެ ވަގުތަކުވެސް މަރުހަބާކިޔާ!
ހާލިދު ކައިރިން ބޭސްފަރުވާ ކުރާ މީހުން އޭނާއަށް އިހުތިރާމް ކުރާ އަނެއް ސަބަބަކީ އެދޭ ކޮންމެ ވަގުތަކު ހިދުމަތް ދިނުމެވެ. އެކުލިނިކް ބަންދެއްނުވެއެވެ. ބޭސްފަރުވާއަކަށް އޭނާ ބަލައި އަންނަ ކޮންމެ ވަގުތަކީ އޭނާ ފަރުވާދޭނެ ވަގުތެވެ. އަދި ކައިރި ރަށްރަށުން އޭނާ ބަލައި އަތުވެއްޖެނަމަ ޝަކުވާއެއްނެތި އެރަށަކަށް ގޮސްދެއެވެ. އޭނާއަށް ކޮންދޭންޖެހޭނީ އެންމެ ކަމެކެވެ. އެއީ އެނބުރާ މާރަންދޫއަށް ގެނެސްދިނުމެވެ.

މާރަންދޫ ފަހުރުވެރިވާ ހިދުމަތްތެރިއެއް
ހާލިދުގެ ފަރުވާއެއް ނުލިބޭ މީހަކު އުތުރުގެ އަތޮޅެއްގައި މަދުވާނެއެވެ. އޭނާއަކީ މަޝްހޫރު ދިވެހި ބޭސްވެރިއެކެވެ. އެތައް ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ހިދުމަތްތެރިއެކެވެ. މާރަންދޫގެ ކަތީބުކަން 23 އަހަރަށްވުރެ ދިގު މުއްދަތަކަށްކޮށްފައިވާ އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ޒަމާނުންސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހާލިދުގެ ކައިރިން ފަރުވާ ހޯދަން މީހުން އާދެއެވެ. އަދި އޭނާގެ ފަރުވާއާ މެދު މީހުން ހިތްހަމަޖެހެއެވެ.
"އޭނާ ކައިރިއަށް އަންނަ މީހުންނަށް ނުޖެހޭނެ ބޭސް ހޯދާކަށް، އަގެއް ނުކިޔާނެ، ހިދުމަތްތެރިއެއް އެއީ،" ހާލިދުއަށް ތައުރީފް ކުރަމުން ކުރީގެ ކަތީބް ބުންޏެވެ.
ތަފާތު ތަކެތި ބޭނުންކޮށްގެން އެއްޗެއް ހަދާނަމަ އުތުރުގެ މީހުން ބުނާ މަޖާޒީ ބަހެއް އޮވެއެވެ. އެއީ "ތިހަދަނީ ހާލިދު ބޭސް ހަދާހެން ދޯ" އެވެ. އެއީ ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން ފަރުވާދޭތީ އެވެ. އަގުވަޒަންކުރުމަށް އިނާމްތަކެއް ދީފައިނެތް ނަމަވެސް އެހިދުމަތްތެރިޔާގެ އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ. އޭނާ އެގޮތަށް ހިދުމަތުގައި ހުންނާނެކަމުގެ ޔަގީންކަމާއެކު އޭނާ ނެތްދުވަހަކުން އެފަރުވާ ދޭނެ މީހުން އުފައްދާނެ ކަމަށް ބުނެއެވެ. އެގޮތުން އޭނާ މިހާރުވެސް ދަނީ އެކަމަށް އޭނާގެ ދަރިންނާއި އެކަމަށް އެދޭ މީހުން ތަމްރީނު ކުރަމުންނެވެ.