24 Nov 2016, 23:33
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނިންމާލުމަށްފަހު ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ގޮސްފި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ހުށަހެޅި، ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސާއި ފީނެގުމާއި ބެހޭ ބިލު ފާސްކުރުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އެއީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށެވެ.
މަސީހު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދާއިރު، މިރޭގެ ޖަލްސާގައި އޭނާގެ ހިތްޕުޅުގައި އުފެދެނީ ޝުކުރު ދެންނެވުމުގެ ޝުއޫރު ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނާއި މީޑިއާތަކަށް މަސީޙު ވަނީ ޝުކުރު ދަންނަވާފަ އެވެ.
"ޑިމޮކްރަސީއަކީ ވަރަށް އެހެން ކަހަލަ އެއްޗެއް. ޑިމޮކްރަސީގައި މި އޮންނަނީ، ޑިމޮކްރަސީގައި އެންމެ އެދޭ ގޮތަކީ ހުރިހާ ފަހަރަކު ހުރިހާ ކަމެއްގައި ވެސް ހުރިހާ މީހުން އެއް ގަލަކަށް އެރުން. އެހެން ނުވާ ހާލަތްތަކުގައި ޑިމޮކްރަސީގައި މި އޮންނަނީ ގިނަ ބަޔަކަށް ފެންނަ ގޮތަށް އެކަންކަން ނިންމުން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ގިނަ މީހުންނަށް ފެންނަ ގޮތަކަށް ނިންމާ ކަންކަމުގައި އުނިކަމެއް ހުންނަ ނަމަ އެއީ ޑިމޮކްރަސީގައި ދެން މިވަގުތަށް އޮތް އުނިކަމެއް ކަމުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަމަށް މަސީހު ވިދާޅުވިއެވެ.
މިއަހަރު ނިމިގެންދާއިރު މަސީހު ވިދާޅުވީ މިހާތަނަށް ޖުމްލަ 47 ބިލެއް މަޖިލީހުގެ ކޮމެޓީތަކުގައި މަސައްކަތްކުރެވި އޭގެ ތެރެއިން 43 ބިލެއްގެ މަސައްކަތް މަޖިލީހުން އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި ނުނިމި ވަނީ ޖުމްލަ ހަތަރު ބިލު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަހަރު ދުވަސް ތެރޭ ތިން ގަރާރަކާއި ސަރުކާރުގެ ފަރާތުން 50 މައްސަލައެއް ހުށަހަޅާފައިވާއިރު އެހުރިހާ މައްސަލައެއްވެސް ނިންމާފައިވާ ކަމަށް މަސީހު ވިދާޅުވިއެވެ. އަދި މެމްބަރުންގެ ފަރާތުން ހަ މައްސަލައެއް ހުށަހެޅި ކަމަށާއި އެ މައްސަލަތައް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން 52 ސުވާލު މިނިސްޓަރުންނާ ކުރެވުނު ކަމަށާއި މިއަހަރުގެ ޕްރޮޑަކްޓިވިޓީ ރޭޓަކީ 97.6 ޕަސެންޓް ކަމަށް މަސީހު ވިދާޅުވި އެވެ. އަދި އެއީ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ލިބުނު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށް މަސީހު ވިދާޅުވިއެވެ.