25 Nov 2016, 01:39
އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް 19 އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
އުމުރުން 36 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ޖެރާޑް އިއުލާން ކުރަމުން އޭނާ ބުނީ ފުޓްބޯޅައިގަ އޭނާ ހާސިލް ކުރަން ބޭނުންވި ވަރަށް ގިނަ ކަންތައްތަށް ހާސިލް ކުރެވިއްޖެ ކަމަށާއި ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅައިގެ ތެރެއިން އޭނާ ދުރަށް ނުދާނެ ކަމަށެވެ.

ދެހާސް ފަސްވަނަ އަހަރުގެ ޗެމްޕިއަންސް ލީގްގެ ފައިނަލްގައި އެސީ މިލާން ބަލިކޮށް ލިވަޕޫލްއިން ޗެމްޕިއަންކަން ހޯދުމަށްފަހު ޖެރާޑް --- ފޮޓޯ: އޭޕީ
"އިނގިރޭސި ގައިމީ ޓީމާއި ލިވަޕޫލްގެ އިތުރުން އެލް އޭ ގެލެކްސީގައި އަހަރެން ހޭދަކުރި ކޮންމެ ވަގުތުކޮޅަކީ ވެސް ވަރަށް އުފާވެރި ހިތްހަމަ ޖެހޭ ވަގުތުތަކެއް. އެކަމަށް ޓަކައި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރުން ބޭނުން،" ޖެރާޑް ބުންޏެވެ.
އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން ލިވަޕޫލް އެކަޑަމީގައި ތަމްރީން ހަދަން ފެށި ޖެރާޑް ލިވަޕޫލަށް ރަސްމީކޮށް ސޮއިކޮށްފައި ވަނީ މީގެ 19 އަހަރުން ކުރިން 1997 ވަނަ އަހަރުގެ ނޮވެމްބަރު ފަހެއްވީ ބުދަ ދުވަހުއެވެ. ނަމަވެސް އޭނާ ލިވަޕޫލްގެ ޖާޒީގައި ރަސްމީ މެޗަކުން ފެނިގެންދިޔައީ އޭގެ އަހަރެއް ފަހުން 29 ނޮމެވްބަރު 1998 ގައެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީގައި ޖެރާޑް --- ފޮޓޯ: އޭޕީ
ލިވަޕޫލް ދޫކޮށް މިދިޔަ އަހަރު އެމެރިކާގެ ގެލެކްސީއަށް ޖެރާޑް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލިވަޕޫލަށް 710 މެޗު ކުޅެދީ އެ ޓީމާއި އެކު 14 ޓްރޮފީ އުފުލާލާފައެވެ. ލިވަޕޫލަށް އެންމެ ގިނަ މެޗު ކުޅުންތެރިންގެ ތިން ވަނާގައި ހިމެނޭ ޖެރާޑަކީ ފޯވާޑުންނަށް ބޯޅަ ސަޕްލައި ކޮށްދޭން މިޑްފީލްޑް ތެރޭގައި ހަރަކާތްތެރިވި ކުޅުންތެރިއެއް ނަމަވެސް އޭނާވަނީ ލިވަޕޫލްގައި ހޭދަކުރި 17 ސީޒަނުގެ ތެރެއިން ހަތަރު ސީޒަނެއްގައި އެ ކްލަބަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ޖެރާޑް --- ފޮޓޯ: އޭޕީ
ލިވަޕޫލްއާ އެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރި ޖެރާޑްވަނީ އިނގިރޭސި ގައުމީ ޓީމަށް 114 މެޗު ކުޅެދީ އޭނާ ކުޅުނު ހަ މުބާރާތުގެ ތެރެއިން ތިން މުބާރާތެއްގައި ކެޕްޓަނެއްގެ މަގާމް އަދާކޮށްފައެވެ.
ޖެރާޑް ކުޅުން ހުއްޓާލިއިރު އޭނާ އެންމެ ފަހުން ކުޅެފައިވަނީ އެމެރިކާގެ އެލްއޭ ގެލަކްސީ އަށެވެ. މިދިޔަ އަހަރު ގެލެކްސީއާ ގުޅުނު ޖެރާޑް ވަނީ އެ ޓީމަށް 38 މެޗު ކުޅެދީފައެވެ.