ބެންޣާޒީ : ލީބިޔާގެ އިދިކޮޅު ފަރާތްތައްތިބީ އެމީހުންގެ ވެރިކަމުގެ މަރުކަޒު ކަމަށްވާ ބެންޣާޒީއަށް ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ޒިޔާރަތްކުރައްވާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ޚަބަރުލިބިއްޖެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރައްވާ ލިބިޔާގެ ޕްރޮފެސަރެއްކަމަށްވާ ޑޮކްޓަރ ސާލިޙް އައްސުނޫސީ ވިދާޅުވިގޮތުގައި ސަރކޯޒާީއާއި ކެމެރޮން ބެންޣާޒީއަށް ޒިޔާރަތް ކުރެއްވުމަކީ ގައްޒާފީގެ ވެރިކަން ވެއްޓޭން ގާތްވެފައިވާކަމުގެ ހެއްކެތްކަމަށް އެކަމުގެ އިންތިޒާރުގައި ތިބި ލީބިޔާގެ ރައްޔިތުންދެކޭ ކަމުގައެވެ.

އަދި އެދެބޭފުޅުން ބެންޣާޒީއަށް ވަޑައިގަންނަވަނީ ތެލުގެ ދަހިވެތިކަމުގައި ނޫނީ ގައްޒާފީއާ ދެކޮޅަށް ނޭޓޯ ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ބަދަލު ލީބިޔާގެ ރައްޔިތުންގެ ކިބައިން ހޯދުމުގެ މަޤްސަދްގައި ކަމަށްނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރާ ކަމަށްވެސް ޕްރޮފެސަރ ސުނޫސީ ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް ނިކޮލައި ސަކޯޒީއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަންނަ ހަފްތާގައި ބެންޣާޒީއަށް ވަޑައިގަތުމަށް ރޭވިފައިވާ ކަމަށް ލީބިޔާގެ އިދިކޮޅު ރޭޑިޔޯ ސްޓޭޝަނަކުންވަނީ ބުނެފައެވެ.

އަނެއްކޮޅުން ކެނެޑާ އިއްޔެވަނީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތަކީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު އިންތިޤާލީ މަޖިލިސްކަމަށް އިޢްތިރާފްވެފައެވެ.

ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ނޭޓޯ ބޮންއަޅަމުން ގެންދާތާ 3 މަސް ވެފައިވީ ނަމަވެސް ގައްޒާފީގެ ބާރުތައް އަދިވެސް ބަލިކޮށްލެވިފައެއް ނުވެއެވެ. އިނގިރޭސިވިލާތުގެ ކޮމާންޑަރަކުވަނީ ހަމައެކަނި ވައިގެ ބާރުބޭނުންކޮށްގެން ގައްޒާފީގެ ބާރުތައް ބަލިކޮށްލުމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާފައެވެ.

ނޭޓޯގެ ބާރުގަދަ ވައިގެ ހަމަލާތަކުގެ ކުރިމަތީގައި ގައްޒާފީގެ ބާރުތައް ބަލިނުވެ ވަރަށް ގިނަދުވަހު ހިފަހައްޓައިފި ކަމަށާ މިހާގިނަދުވަހު ނޭޓޯގެ ކުރިމަތީގައި ގައްޒާފީއަށް ހިފަހައްޓައިލެވޭނެ ކަމަށް ނޭޓޯ ލަފާކޮށްފައިނުވާ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. -- އަލްޖަޒީރާ