24 Nov 2016, 17:21
މާލޭގައި އިމާރާތް ކުރަން އެދޭ ފަރާތްތަކުން، އިމާރާތުގެ ކުރެހުން ހައުސިންގް މިނިސްޓްރީއަށް ހުށަހަޅާތާ މަދުވެގެން ތިން ދުވަސް ތެރޭގައި ކުރެހުން ފާސްކޮށް، ހުއްދަ ދެމުން ގެންދަން ފަށާފައިވާ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ކަންކަން، ސިޓީ ކައުންސިލުގެ އިހްތިސާސުން ހައުސިންގް މިނިސްޓްރީގެ އިހްތިސާސްގެ ދަށަށް ބަދަލުވިތާ އަހަރެއް ވެފައިވާ އިރު، ވަރަށް ގިނަ މަސައްކަތްތަކަކަށް ހުއްދަ ނުދީ، ލަސްވެފައި އޮތް ކަމަށެވެ.
"އާންމު އުސޫލެއްގެ މަތިން، އެތައް މަހެއް ވެގެން ދޭ، މިހާތަނަށް އައި އިރުގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދިގެން ހުއްދަ ނުލިބި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ އިމާރާތް ކުރުމުގެ ހުއްދަ ނުލިބި ގިނަ ދުވަސްވެގެންދާ ދިއުން ނިމުމަކަށް ގެނެސް، އިމާރާތްތަކުގެ ކުރެހުން ފާސްކުރަން ހުށަހަޅާތާ ތިން ދުވަސް ތެރޭގައި، އެ ކުރެހުމެއް ފާސްކުރިކަމުގެ ލިޔުން ދޭން ފަށާފައިވާ ކަަމަށެވެ.
"އެއީ ހުރިހާ ތައްގަނޑުތަކެއް، އިންޖިނިއަރިންގް އަދި އާކިޓެކްޗަރާއި ތައްގަނޑު ޖަހާފައި ވިއްޔާ ތިން ދުވަސް، އަދި ތައްގަނޑުތައް ނުޖަހާ ވިއްޔާ ގިނަވެގެން 14 ދުވަސް، ބަންދު ދުވަސްތައް ވެސް ހިމަނައިގެން،" މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، އެއްވެސް މައްސަލައެއް ނެތް ކުރެހުންތައް ހަ ގަޑިއިރު ތެރޭގައި ވެސް ފާސްކޮށްގެން ހުއްދަ ދެވޭތޯ މަސައްކަތް ކުރާ ކަމަށެވެ.
"ވަރަށް ބާރު ސްޕީޑުގައި ކުރެހުން ފާސްކޮށްފައި އެބަ ދޫކުރަން. މިއީ މި މަހުގެ ތެރޭގައި ގެނެވުނު ހެޔޮ ބަދަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވި ގޮތުގައި، މިނިސްޓްރީއަށް ހުށަހަޅާ ކުރެހުންތަކާއި އިމާރާތްތަކަށް ހުއްދަ ދެމުން ގެންދާތާ 40 އަކަށް އަހަރު ވެފައިވާ ކަމަށާއި، އެ ކުރެހުންތައް ގުދަންކޮށްފައި ބެހެއްޓުމަށް ވަރަށް ބޮޑު ޖާގައެއް ނަގާތީ، ކުރެހުންތަކާއި ރެޖިސްޓްރީތަކުގެ ޑިޖިޓަލް އަރުޝީފެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
"ހައެއްކަ މަސް ތެރޭގައި އެކަން ނިމޭނެ. ނިމިގެން ދިޔައިމަ ވަރަށް ފަސޭހަ ވާނެ ޚިދުމަތް ދޭން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރި ގެއަކަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެ ގޭގެ ކުރެހުން މިނިސްޓްރީން ހޯދަން ޖެހޭ ކަމަށާއި، ހުރިހާ ކުރެހުމެއް ނަގައިގެން ބަލައި ހޯދައިގެން އެ މަސައްކަތް ކުރުމަކީ ދެވޭ ޚިދުމަތް ލަސްވާ ގޮތެއް ކަމަށެވެ.
"މިތަކެތި މުސްތަގުބަލަށް ރައްކާތެރި ގޮތަކަށް ބެލެހެއްޓުމަށް ބަލާއިރު ވެސް ރަނގަޅު ގޮތެއް ނޫން ބޮޑެތި ފައިލްތަކުގައި ގެންގުޅުމަކީ،"
މިނިސްޓަރު ވިދާޅުވީ އެ ނިޒާމުވެސް ޑިޖިޓަލްކޮށް، ޑިޖިޓަލް އަރުޝީފެއް ހެދުމަކީ ފަސޭހައިން ޚިދުމަތް ފޯރުކޮށްދެވޭ ގޮތެއްގެ އިތުރުން، ޖާގަ ވެސް ސަލާމަތްވާނެ ކަމެއް ކަމަށެވެ. އަދި ކަރުދާސް ބޭނުންކުރާ މިންވަރުވެސް މަދު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.