އަންހެނުނާމެދު ހިންގާ އަނިޔާގެ ޢަމަލުތަކުގެ ސަބަބުން ގައުމުގެ ތަރައްގީއަށްޓަކާ ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަ ކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި، ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާ، ޖިންސީ އަނިޔާ، ބަހުގެ ހަމަލާދިނުމާއި، ބިރުދެއްކުމާއި، މާލީގޮތުން ނުވަތަ އިޤްތިސާނީގޮތުން ދަތިކުރުމާއި އަދި މުދަލަށް ގެއްލުންދިނުން ހިމެނެއެވެ. މީގެ އިތުރުން މި ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު ރައްކާތެރިކަމުގެ އަމުރު ނެރުން ލަސްވުމާ، ގެވެށިއަނިޔާގެ މައްސަލަތަކާއި، ބަލައިފާސް ކުރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީމަ ފަދަ ޢަމަލުތަކުގެ ސަބަބުން އަންހެނުންގެ ދިރުހުރުމުގެ ޙައްޤަށާއި، އަނިޔާވެރި ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވެ ހުރުމުގެ ޙައްޤަށާއި، ހަމަހަމަކަމާއެކު ސަލާމަތްކަން ލިބުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމަށެވެ. އަދި މިނިވަންކަމުގެ ޙައްޤަށާއި، ޤާނޫނީ ރައްކާތެރިކަން ލިބުމުގެ ޙައްޤަށާއި، ޢާއިލާގެ ތެރޭގައި ހަމަހަމަކަން ލިބުމުގެ ޙައްޤަށާއި، ފުރިހަމަ ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމުގެ ޙައްޤުގެ އިތުރުން މަސައްކަތުގެ މާޙައުލުގައި ހަމަހަމަކަން ލިބުމުގެ ޙައްޤައްވެސް ހުރަސް އެޅޭ ކަމަށް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

"ޤައުމެއްގެ ދެބައިކުޅައެއްބަޔަކީ އަންހެނުންނަށް ވީހިނދު، އަންހެނުނާމެދު ހިންގާ އަނިޔާގެ ޢަމަލުތަކުގެސަބަބުން ތަރައްޤީއަށްޓަކައި ކުރިއަށް އަޅާފިޔަވަޅުތަކަށް އަސަރުކޮށް ހުރަސްތައް ކުރިމަތިވެއެވެ.،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް، ޕެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

"އަންހެނުންނަށް ކުރާއަނިޔާގެ މައިގަނޑު ސަބަބަކީ އަންހެންނުނާމެދު ގެންގުޅޭ ތަފާތުކުރުމުގެ ވިސްނުންތަކާއި، ޤާނޫނީގޮތުން ކުރާތަފާތުތަކާއި، ޤާނޫނާއި ޤަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުމުގައިގެންގުޅޭ އުސޫލުތަކާ އަދި އަންހެނުންނާއި ފިރިހެނުންނާމެދު ކުރާ ތަފާތު ތަކާއި ފަރަޤުތަކެވެ. ހަމަ މިއާއެކު، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަކީ އިޚްތިޔާރީކަމެއްގެ ގޮތުގައި ނުދެކި، ޤައުމުގެ ކުރިއެރުމަށް އަންހެނުންގެ ޙިއްސާއަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަކީ ދައުލަތުގެ އެންމެ މުޙިންމު އެއް ޒިންމާކަމުގައި ވާންޖެހެއެވެ. އަދި، އަނިޔާގެ ހާލަތްތަކުން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކޮށްދިނުމަށްޓަކައި އިތުރު އަމާންހިޔާތައް ޤާއިމްކޮށް ހަރުދަނާކުރުމަށް ދައުލަތާއި މަދަނީ މުޖުތަމަޢުން ކުރާމަސައްކަތް އިތުރުކުރަންޖެހެއެވެ،" އެ ބަޔާނުގައި ވެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެވެ. އދ. ގެ ސެކެޓްރީ ޖެނަރަލްގެ 'ޔުނައިޓް ކެންޕެއިން'ގެ ދަށުން މި އަހަރުގެ ޝިޢާރަކީ "އޮރެންޖް ދަ ވޯލްޑް - ރެއިޒް މަނީ ޓު އެންޑް ވައޮލެންސް އެގެއިންސްޓް ވިމެން" އެވެ.