ޓެކްސް ނެގުމާ ބެހޭ ހަތަރު ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ހަތަރު ބިލަކީ، މުދަލާއި ހިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި އާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މުދަލާއި ހިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ރާއްޖޭގެ އިގްތިސާދަކީ ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ އިގުތިސާދަކަށް ހެދުމަށްޓަކައި ކަމަށެވެ. އަދި މެދު މުއްދަތާއި ދިގު މުއްދަތުގެ އިގުތިސާދީ ސިޔާސަތުތަކެއް އެކުލެވޭ އިގުތިސާދީ އެޖެންޑާއެއް ދިވެހި ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، އެ އެޖެންޑާގައި ހިމެނޭ މުހިންމު އެއްކަމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް އާމްދަނީ ހޯދުމާއި އިންސާފުވެރި ޓެކުހުގެ ނިޒާމެއް ގާއިމްކުރުން ކަމަށްވާތީ ކަމަށެވެ. އެގޮތުން ރާއްޖެއަށް ތައާރުފް ކުރަންޖެހޭ އެއްބާވަތުގެ ޓެކުހަކީ، ރާއްޖޭގެ ބާޒާރުގައި ވިއްކާ މުދަލާއި ފޯރުކޮށްދޭ ހިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ކަމުގައިވާތީ، އެ ޓެކްސް ނެގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެއް ތައާރުފް ކުރުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

އަދި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލެއް ސަރުކާރުން ހުށަހެޅީ މިހާރު އަމަލު ކުރަމުންދާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ބައްޓަން ކުރެވިފައި އޮތީ، ކުންފުންޏާއި، ޕާޓްނާޝިޕާއި، ކޯޕަރޭޓިވް ސޮސައިޓީފަދަ ވިޔަފާރި ތަންތަނެކޭ އެއްފަދައިން ވަކިވަކި ފަރުދުން ހިންގާ ވިޔަފާރިތަކުންނާއި، އެފަދަ މީހުން ވިޔަފާރި އުސޫލުން ކުރާ އަމިއްލަ މަސައްކަތުންވެސް އެއް އުސޫލަކުން ޓެކްސް ނެގޭގޮތަށް ކަމުގައިވާތީ، ވިޔަފާރި ތަންތަނުގެ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ އުސޫލުތައް ވަކި ޤާނޫނެއްގައި ބަޔާންކޮށް، އަމިއްލަ ފަރުދުންގެ އަތުން ނެގޭ ޓެކުހަކީ، އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހެއް ކަމުގައި ހަމަޖެއްސުމަށެވެ.

އަދި ފަރުދުންގެ އާމްދަނީން ޓެކްސް ނެގޭނެ އުސޫލުތައް ވަކި ޤާނޫނެއްގައި ބަޔާން ކުރުމަށްޓަކާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަކީ މީގެ 26 އަހަރުގެ ކުރީގެ ގާނޫނަކަށްވެފައި، އެ ޤާނޫނުގެ ދަށުން ބޭންކުތަކުން ނެގޭ ޓެކުސްގެ ނިޒާމުވެސް ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ހަރުދަނާ ޓެކްސްގެ ނިޒާމެއްގެ ދަށުން ތަންފީޒުވެގެން ދިޔުމަކީ، މުހިންމު ކަމެއް ކަމަށާއި ބޭންކްތަކުގެ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްވެސް ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުން ޤާއިމްކުރާ ނިޒާމުގެ ދަށަށް ގެނައުމަށް ކަމުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

ސަރުކާރުން ހުށަހެޅި ތިން ވަނަ ބިލަކީ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލެވެ. އެބިލް ހުށަހެޅީ މިހާރު އަމަލު ކުރެވެމުންދާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ބައްޓަން ކުރެވިފައި އޮތީ، ކުންފުންޏާއި، ޕާޓްނާޝިޕާއި، ކޯޕަރޭޓިވް ސޮސައިޓީފަދަ ވިޔަފާރި ތަންތަނެކޭ އެއް އުސޫލަކުން ވަކިވަކި ފަރުދުން ހިންގާ ވިޔަފާރިތަކުންނާއި، އެފަދަ މީހުން ވިޔަފާރި އުސޫލުން ކުރާ އަމިއްލަ މަސައްކަތުންވެސް ޓެކްސް ނެގޭގޮތަށް ކަމުގައި ރައީސް އޮފީހުން ބުނެ އެވެ. އަދި ފަރުދުންގެ އަތުން ނެގޭ ޓެކްސްއަކީ، ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސްއެއް ކަމުގައި ހަމަޖައްސައި، އެގޮތުން ޓެކްސް ނެގޭ އާމްދަނީ، ފަސް ގިންތިއަކަށް ބަހާލައި، އެ ފަސް ގިންތީގެ ތެރެއިން ކޮންމެ ގިންތިއަކަށް ޓެކްސް ދައްކަންޖެހޭ ރޭޓެއް ކަނޑައަޅައި، އެ ރޭޓުން ފަރުދުންގެ އާމްދަނީން ދައުލަތަށް ޓެކްސް ނެގުމުގެ ނިޒާމެއް ޤާއިމްކޮށް، އެ ޓެކްސް ނެގުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ވަކި ޤާނޫނެއް ތައާރުފް ކުރުމަށެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މުދަލާއި ހިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލާ ގުޅިގެން، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނެވުމަށްޓަކައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ޓެކްސް ނެގުމާބެހޭ ބިލުތައް މިއަދުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ ހަތަރު ބިލްގެ އިތުރުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އަށް އިސްލާހު ގެނައުމުގެ ބިލެއްވެސް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެ ބިލް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އިގުތިސާދަކީ ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ފުދުންތެރި އިގުތިސާދަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިތުރުކޮށް، އިމްޕޯޓް ސަބްސްޓިޓިއުޓް ކުރެވެންހުރި ދާއިރާތަކުން އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.