24 Nov 2016, 16:52
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުގައި އިނގިރޭސި ކްލަބު އާސެނަލް ޑިފެންސް ކުރިގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ޕީއެސްޖީ އަތުން އާސެނަލް އެއްވަރުވެފައި ވަނީ 2-2 ލަނޑުންނެވެ. އެ މެޗުގައި ފަހަތުން އަރައި، އާސެނަލަށް ލީޑު ލިބުނު ނަމަވެސް، އެލެކްސް އިވޯބީ އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން އާސެނަލަށް އެ މެޗުގައި ލިބުނީ އެންމެ ޕޮއިންޓެކެވެ.
އެ މެޗުގައި ޕީއެސްޖީއަށް އެޑިންސަން ކަވާނީ ލީޑު ހޯދައިދިން އިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮލިވިއާ ޖިރޫ ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މާކޯ ވެރާޓީ އަތުން ބައިކޮޅަށް ވަން ލަނޑުން އާސެނަލަށް ލީޑު ލިބުނެވެ. އާސެނަލްގެ އިވޯބީގެ އަތުން ބައިކޮޅަށް ލަނޑު ވަދެފައި ވަނީ މެޗު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށެވެ.
"އަހަރެމެންނަށް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު. އެކަމަކު އަހަރެމެންނަށް އޭގެ ފައިދާ ނެގޭ ގޮތެއް ނުވި. އަހަރެންގެ ހިތްހަމަނުޖެހުމަކީ އަހަރެމެން 2-1 ލަނޑުން ކުރީގައި އޮއްވާ ފަސޭހަގޮތަކަށް ކޯނަރުން އެ ލަނޑު އަހަރެމެންގެ ގޯލަށް ވަނުމުން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ، މެޗުގައި 1-0 ލަނޑުން އާސެނަލް ފަހަތުގައި އޮއްވައި ލީޑު ހޯދުމުން ބައިކޮޅަށް ލަނޑު ވަނުމުން ހިތްހަމަނުޖެހޭ ކަމަށާއި މެޗުގައި ޓީމުގެ ފަރާތުން އުފެއްދުންތެރިކަން ނުފެނުނު ނަމަވެސް ޕޮއިންޓެއް ލިބުނު ކަމަށެވެ. އަދި ފަހަރެއްގައި އެއް ޕޮއިންޓް ލިބުމަކީ ވެސް ހިތްހަމަޖެހުމަކަށް ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ނަތީޖާއާ ގުޅިގެން ގޯލުގެ ތަފާތުން އަދިވެސް 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އޮތީ ޕީއެސްޖީ އެވެ. އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް އާސެނަލަށް ވެސް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ގަދަ 16ގެ ޖާގަ ގެއްލިފައިވާ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަދި ސްވިޒަލެންޑްގެ ބާސެލް އަށް ވެސް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް ދެން ބާކީ ކުޅެން ޖެހޭނީ އެންމެ މެޗެކެވެ.