24 Nov 2016, 16:58
ދިވެހި ސަރުކާރާއި އަމިއްލަ ފަރުދުންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ފަރާތުން ދޭ ސްކޮލާޝިޕްގެ ދަށުން މިއަހަރު 16 ދަރިވަރަކަށް މަތީތައުލީމުގެ ފުރުސަތު ދީފިއެވެ.
މިއީ އޮޒެއިޑްގެ ދަށުން ރާއްޖެއަށް ދޭ ސްކޮލަޝިޕް 16 ފުރުސަތަށް އިތުރުކުރި ފަހުން ސްކޮލަޝިޕް ހަވާލުކުރި ފުރަތަމަ ފަހަރެވެ. ކުރިން ރާއްޖެއަށް އޮޒެއިޑްގެ ދަށުން ދެމުން އަންނަނީ 10 ސްކޮލަޝިޕް ފުރުސަތެވެ.
މިއަހަރުގެ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރީ ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހުޗެސަން އާއި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އެ ސްކޮލަޝިޕުގެ މިއަހަރުގެ ފުރުސަތުތަކަށް 100 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެއެވެ. މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތުދޭ އެ ސްކޮލަޝިޕް ފުރުސަތުތަކުގެ ދަށުން އިސްކަންދެނީ އިގުތިސާދާއި ތިމާވެށީގެ އިތުރުން ތައުލީމު އަދި ގުޑް ގަވަނެންސްގެ ދާއިރާ އިންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަފީރު ބްރައިސް ވިދާޅުވީ، ދިވެހި ދަރިވަރުންނަށްދޭ އެ ސްކޮލަޝިޕްތަކުގެ މަގްސަދަކީ މުސްތަގްބަލުގެ ލީޑަރުން ތަމްރީން ކުރުންކަމަށެވެ. އެގޮތުން މިހާރު ވެސް އޮސްޓްރޭލިއާގައި 200 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.