24 Nov 2016, 16:31
މާފަންނު ނަލަހިޔާ ހޮޓެލް ކުރިމަތިން، ސަންފްރަންޓް ޝޯރޫމާ ޖެހިގެން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ކުޑަ ޕާކެއް ހަދައި، އަންނަ ހަފްތާގައި ހުޅުވާނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އެ މިނިސްޓްރީގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގއި، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަންފްރަންޓު ކައިރީގައި އޮންނަ ކުޑަކުޑަ ހިސް ބިމަކީ މިހާތަނަށް ބޭނުން ނުކޮށް، ދޫކޮށްލެވިފައިވާ ތަންކޮޅެއް ކަމަށެވެ.
"އެތަންކޮޅަކީވެސް މިހާތަނަށް ބޭނުން ނުކޮށް ދޫކޮށްލެވިފައި އޮތް ތަނެއް. އެތަން ވެސް ބަދަލުވެގެން މި ދަނީ ރަނގަޅު ފެންވަރަކަށް، ރައްކާތެރި ގޮތަކަށް، ކުޑަކުދިންނަށް ބޭނުންކުރެވޭނެ ތަންކޮޅަކަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެ ޕާކު ހެދޭނީ ނެއިބާހުޑް ޕާކަކަށް ކަމަށެވެ. އަދި އެގޮތަށް ބޭނުން ނުކޮށް ހުންނަ ކުދި ބިންތަކުގައި އެފަދަ ލޯކަލައިޒްޑް ޕާކުތަކެއް ހަދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގައި ސަރުކާރުން ވަނީ ގިނަ ޕާކުތަކެއް ހުޅުވާފައެވެ. އެގޮތުން، މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި، ރަސްފަންނު ވެސް ހިމެނޭ ގޮތަށް ޖުމްލަ އަށް ޕާކެއް ހަދާފައިވާ ކަމަށް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ރާވެރިބޭ މައިޒާނުގެ ނަމުގައި ހާބަރު ސަރަހައްދުގައި ހެދި މައިޒާނަކާއި، ސޯސަން މަގުގައި ހެދި ރެހެނދި މައިޒާނާއި، ޗާންދަނީ މަގުގައި ހެދި ހިއްތަން މައިޒާނާއި، އިސްލާމީ މަރުކަޒު ކައިރީގައި ހެދި އިސްލާމީ މަރުކަޒު މައިޒާނާއި، ސުނާމީ ބިނާ މައިޒާނުގެ އިތުރުން އަލިމަސް ކާނިވާ ސަރަހައްދުގައި ހެދި އިސްކަންދަރު މައިޒާން ހިމެނެއެވެ.