24 Nov 2016, 17:24
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ސަބަބުން، ޖިނާއީ އިޖުރާއަތަށް އަމަލުކުރުން އިތުރު ހަ މަސް ދުވަހަށް ފަސްވީ އެވެ.
ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް އެދި ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
އެ ބިލު ފާސް ކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި 42 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.
ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނު މިއަހަރުގެ އޭޕްރިލް މަހު ފާސްކޮށް، މެއި މަހު ތަސްދީގުކުރި އިރު، ގާނޫނުގައި ބުނެފައި ވަނީ އެއަށް އަމަލުކުރަން ޖެހޭނީ ފާސްކުރާތާ އަށް މަސް ދުވަސް ފަހުން ކަމަށެވެ. އެގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.
އެހެން ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންކަން ނުކޮށް ހުރުމާ އެކު، ތައްޔާރުވުމަށް ޓަކައި އިތުރު ހަ މަސް ދުވަސް ބޭނުންވާ ކަމަށެވެ. އިސްލާހުގައި ހުށަހަޅާފައި ވަނީ 2017 ޖުލައި 17 އަށް ތާރީޚު ފަސްކުރުމަށެވެ.
އެ ބިލު ބަލައިގަތުމަށް މަޖިލީހުގައި ކުރިޔަށް ގެންދިޔަ ބަހުސް މަރުހަލާގައި، ސަރުކާރު ހިންގާ ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ނައިބު ރައީސް ވަނީ، އިސްލާހު ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލަނޑެއް ދިނުމަށް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފައެވެ.
އެގޮތުން، ޕީޕީއެމްގެ މެމްބަރުން އެ ބިލް ފާސްކޮށްފި ނަމަ އެއީ އަމިއްލަ ކަރުގައި ހިފުން ފަދަ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.