ހުޅުލެއާ މާލެއާ ގުޅާލުމަށް އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝީޕް ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޮލް ނުވަތަ ފީ ނެގޭނެ ގޮތުގެ ނިޒާމު ޑިޒައިންކުރުމަށް، ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާ ހަވާލުކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިމެންވާ އިރަށް، ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޮލް ނެގުމުގެ ނިޒާމު ޑިޒައިންކުރަން ހަވާލުކޮށްފައިވާ ކަމަށާއި، އެކަން ކުރާނީ އެންމެ ޒަމާނީ ފެންވަރުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝީޕް ބްރިޖުގައި ގާއިމުކުރާނީ އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިކަން ކުރާ އިރުވެސް، އެންމެ ޒަމާނީ ފެންވަރަށް އެކަން ކުރިޔަށް ގެންދަން. އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ގާއިމު ކުރާނީ،"

މިނިސްޓަރު ވިދާޅުވީ، އެ ނިޒާމު ގާއިމުކުރުމުން ޓްރެފިކް މަޑުކުރަން ޖެހޭނެ ކަމަށާއި، ބްރިޖު މަތިން ދުއްވާފައިދާ އިރު އިލެކްޓްރޯނިކް ސިސްޓަމެއް މެދުވެރިކޮށް، އޮޓޮމެޓިކުން ޓޮލް ފީ ކެނޑޭނެ ގޮތް ހަދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރާ ނިޒާމު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ވަރަށް ހަލުއި ސްޕީޑުގައި ކުރިޔަށް ދާ ކަމަށެވެ. އެގޮތުން، ބްރިޖުގެ މައި ތަނބެއްގައި ޖަހަންޖެހޭ 35 ހޮޅީގެ ތެރެއިން 30 ހޮޅި މިހާރު ޖަހާފައިވާ ކަމަށާއި، ބާކީ ފަސް ހޮޅި، ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޖެހޭނެ ކަމަށެވެ.

އަދި އެޕްރޯޗު ބްރިޖުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައިގެ މަސައްކަތް ޑިސެމްބަރުގެ ކުރިން ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ބްރިޖު ނިންމާލަން ތާވަލު ކުރެވިފައި އޮތް ނަމަވެސް، އޭގެ ކުރިން، އެއަހަރުގެ ޖުލައި މަހުގެ 26 އަށް ބްރިޖު ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.