އިސްލާމީ މަރުކަޒު މައިދާނު ހިޔާކުރުމަށް އެސަރަހައްދުގައި ޖެހުމަށް ހަމަޖެހިފައިވާ ކުޑަތައް ޖެހުމުގެ މަސައްކަތް ލަސްވަމުން ދަނީ އެކަމުގެ ޚަރަދުތައް ހަމަނުޖެހި ވާތީ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒު ސަރަހައްދު މައިދާނެއްގެ ގޮތުގައި ތަރައްގީކޮށްފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައި އެސަރަހައްދުގައި މާބްލް ޖަހައިގެންނެވެ. ހައުސިންގް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ، މަދީނާގެ މަސްޖިދުލް ނަބަވީގައި ހުންނަ ފަދަ، އޮޓޮމެޓިކުން ހުޅުވޭ އަދި ލެއްޕޭ، މެކޭނިކަލް ކުޑަތަކެއް ވެސް އެތަނުގައި ޖަހާނެ ކަމަށެވެ.

މިއަދު ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަސްޖިދުލް ނަބަވީގައި ހުރި ކުޑަތައް ޑިޒައިން ކުރި ފަރާތް ރާއްޖެ ގެނެސް، އެސަރަހައްދު އެފަރާތަށް ދައްކާފައިވާ ކަމަށެވެ.

ޖޫން 9، 2016: އިސްލާމީ މަރުކަޒު ކައިރީ މާބުލް ޖަހައި ތަރައްގީކޮށްފައިވާ ސަރަހައްދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

މަސްޖިދުލް ނަބަވީގައި ހުންނަ ކުޑަތައް ޑިޒައިންކޮށްފައިވަނީ ޖަރުމަނުގެ އާކިޓެކްޓު މަހްމޫދު ބޯޑޯ ރާޝްގެ އެސްއެލް ރާޝް ކޮމްޕެނީ ލިމިޓެޑް ސްޕެޝަލް އެންޑް ލައިޓްވެއިޓް ސްޓްރަކްޗާސްއިންނެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މަސްޖިދުލް ނަބަވީގެ ކުޑަތައް ޑިޒައިންކުރި ފަރާތުން ވަނީ، ވަރަށް ފުރިހަމައަށް އެކަމުގެ ތަފްސީލު ޑިޒައިން ހަދާފައި ކަމަށެވެ. އެކަން ކޮށްފައިވަނީ އެއްވެސް އަގަކާ ވެސް ނުލައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން، ނަބަވީ ސަރަހައްދުގައި ކުޑަޖެހި ފަރާތްތައް މާލެ ގެނައިން. އެބޭފުޅުން އަޅުގަނޑުމެންނާ އެކީގައި އެސަރަހައްދު ބަލައި، ޑީޓެއިލް ލެވެލްއަށް ހުރިހާ އެއްޗެއް އެބަހުރި ޑިޒައިން ކޮށްފައި އެއްވެސް ޚަރަދަކާ ނުލައި،"

މުއިއްޒު ވިދާޅުވީ، ކުޑަ ޖެހުމުގެ މަސައްކަތް ނުފެށި ވަނީ އެކަމަށް "ފުދޭ ވަރެއްގެ ޚަރަދެއް" ދާތީއާއި އެކު، ސަރުކާރުގެ ބަޖެޓުން އެކަމަށް ޚަރަދު ނުކުރެވޭނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"މިހާރު ކުރިޔަށް ދާ މަރުހަލާއަކީ ފަންޑިންގް. ފުދޭވަރެއްގެ ޚަރަދެއް ދާ ކަމެއް ވީމަ. ސަރުކާރުގެ ބަޖެޓުން އެވަރުގެ ޚަރަދެއް ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ [ނުފެށި ވަނީ]. ފަންޑިންގް ހަމަޖެއްސުމަށް ވަގުތު ނަގަނީ،" މިނިސްޓަރު ވިދާޅުވިއެވެ.