15 Jun 2011, 19:18
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޗެއާޕާސަން ނައިބު އިދާރީ މުހައްމަދު އިމްތިޔާޒު (އިންތި)އާ ހާވާލުކޮށްފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް އިންތި އުފުއްލަވަމުން ގެންދަވާނެ ކަމަށެވެ. އަދި އެ މައްސޫލިއްޔަތު އިމްތިޔާޒު ހަވާލުކޮށްފައި ވަނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި އިންތިހާބެއް ބާއްވާނެ ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ މުއްދަތެއް ކަނޑައަޅާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންތައްތަކާ ބޭހޭ ގޮތުން ޑީޑީ ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރު ކޮމެޓީއަށް ނުވަ މެންބަރުން ހޮވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިހާރު ވެސް އެ ކޮމެޓީއަށް 20 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު އުވާލަށް އިސްލާހެއް ކުރިން ހުށަހަޅާފައި ވުމުން، އެ މަގާމު އުވިގެންދާނެ ކަމަށް ބަލައިގެން ރައީސް އާއި ނައިބު ރައީސް ގައުމީ މަޖުލީހުގައި ނުހިމެނޭ ގޮތަށް ގާއުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ނިމިގެންދިޔަ ކޮންގްރެސްގައި އެމްޑީޕީގެ ރައީސްއާއި ނައިބު ރައީސްގެ މަގާމު އޮންނަން ފެންނަ ކަމަށް ނިންމައި އެ މަގާމަށް ދެ ބޭފުޅަކު މިހާރު އިންތިހާބުވެފައި ވުމުން ގައުމީ މަޖިލީހުގައި އެ ދެ ބޭފުޅުން ހިމެނުމަށް ގަރާރެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.