އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ނިންމި ގޮތަށް ފާސްކޮށްފިއެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބަޖެޓު ފާސްކުރަން ވޯޓު ދެއްވީ 60 މެމްބަރުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 14 ބިލިއަން ރުފިޔާއެވެ. ބާކީ 49 ޕަސެންޓް ހަރަދު ކުރަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.

އަންނަ 2017 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ދަރަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ބޮޑެތި 16 ޕްރޮޖެކްޓުތަކުގެ ތެރޭގައި ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއި 20 ފަޅެއް ހިއްކުމަށް ހިމަނާފައިވެއެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަން ހުށަހަޅާފައިވާ މައިގަނޑު 16 މަޝްރޫއު:

  1. ހުޅުމާލެ ތަރައްގީކުރުން: 121 މިލިއަން ރުފިޔާ

  2. ހދ. ކުޅުދުއްފުށީ އެއާޕޯޓު (ބިން ހިއްކުމާ އެކު): 157 މިލިއަން ރުފިޔާ

  3. ށ. ފުނަދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 150 މިލިއަން ރުފިޔާ

  4. ގދ. ފަރެސްމާތޮޑޯ އެއާޕޯޓު (ބިން ހިއްކުމާ އެކު): 147 މިލިއަން ރުފިޔާ

  5. ފ. ނިލަންދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 171 މިލިއަން ރުފިޔާ

  6. އައިޖީއެމްއެޗުގެ އާ އިމާރާތް: 1.3 ބިލިއަން ރުފިޔާ

  7. ބިން ހިއްކާފައިވާ ތަންތަނުގައި އަޅާ 600 ހައުސިން ޔުނިޓު: 90 މިލިއަން ރުފިޔާ

  8. ސައުދީ ރަސްގެފާނުގެ މިސްކިތް: 230 މިލިއަން ރުފިޔާ
  9. މާލެ-ހުޅުލެ ބްރިޖު: 287 މިލިއަން ރުފިޔާ
  10. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން: 864 މިލިއަން ރުފިޔާ
  11. މާލެ - ހުޅުލެ ބްރިޖްގެ މަޝްރޫޢާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުތައް: 34 މިލިއަން ރުފިޔާ
  12. ވިޔަފާރި ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން: 107 މިލިއަން ރުފިޔާ
  13. ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުން: 100 މިލިއަން ރުފިޔާ
  14. ފިނޭންސްގެ އާ އިމާރާތް: 132 މިލިއަން ރުފިޔާ
  15. ފެނާއި ނަރުދަމާ: 101 މިލިއަން ރުފިޔާ
  16. އެެހެނިހެން މަޝްރޫއުތައް: ހަތަރު ބިލިއަން ރުފިޔާ

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ސަރުކާރުން ފަށާފައިވާ އިގްތިސާދީ ކަންކަމަށް މަގުފަހިކުރެވޭގޮތަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ. އެ ބަޖެޓަކީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ޕީއެސްއައިޕީގެ ބަޖެޓާ މެދު މަޝްވަރާކޮށްފައިވާއިރު އެ ބަޖެޓުގެ ޖުމްލަ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ. ނަމަވެސް ބައެއް މަޝްރޫއުތަކަށް ދާއިރާގެ މެންބަރު އެދުނު ގޮތަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ގެނެސްފައިވަނީ ޖުމްލަ 13 ބަދަލެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ހޯދުމަށް އަޅަން ހަމަޖައްސާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރަށް ފުރާ ފަސަންޖަރުން އަތުން އެއާޕޯޓް ޗާޖެއް ނެގުމާއި، މާލޭ ސަރަހައްދުން ކޮންޖެޝަން ޓެކްސްއެއް ނެގުމަށާއި އަދި ސިގިރޭޓުންނާއި ފިޒީ ޑްރިންކުތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުން ހިމެނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް ޕޮލިސީ ބަދަލު ކުރުމާއި މިނިމަމް ޑިވިޑެންޓް ރޭޓެއް ކަނޑައަޅައިގެން އާމްދަނީ އިތުރު ކުރުމަށް ވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން ބިންވެރި ކޮށްދީގެން ލިބޭ އާމްދަނީއާއި، ޓެކްސީ، ޕިކަޕުގެ ހިދުމަތުގެ ހުއްދަ ވިއްކުމަށާއި، އެސްއީޒެޑް ދަށުން އަންނަ އިންވެސްޓްމަންޓުތަކުން އެކުއިޒިޝަން ފީ ނެގުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ، މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެކެވެ.