އިސްލާމީ މަރުކަޒު ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން، އެސަރަހައްދުގައި މާބްލް ޖަހާފައިވަނީ ސަރުކާރުން ބޭނުންވި ގޮތަށް ނޫން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އިސްލާމީ މަރުކަޒު މައިދާނުގައި މާބްލް ޓައިލްސް ޖަހައި ނިންމީ މިއަހަރުގެ ރަމަޟާން މަހަށެވެ. އެހެން ނަމަވެސް އެ ޓައިލްސްތަކުގެ މަތީގައި ބިއްލޫރި ފަށަލައެއް ހުންނަ އިރު، އެ ފަށަލައިގައި ރެނދުލައި، ފުޅިތޮށި ނެއްޓުން ފަދަ ކަންކަން ހިނގާފައިވެއެވެ. އެހެންކަމުން މިދިޔަ މަހުގެ ތެރޭގައި އެ ޓައިލްސްތަކުގެ މަތީގައި ހުރި ބިއްލޫރި ފަށަލަ ތަޅާލައި، މުޅިން ނައްޓާލާފައިވެއެވެ.

ބިއްލޫރި ފަށަލަ އެއްކޮށް ތަޅާލައި، ނައްޓާލުމުގެ ސަބަބުން ޓައިލްސްތަކުގައި ހުރި ކުލަތައް ވެސް ވަނީ ކެހިގެން ގޮސްފައެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަހަކު އެއްފަހަރު ބާއްވާ ސިލްސިލާ ޕްރެސް ކޮންފެރެންސްގައި، "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބްލް ޖަހާފައި ހުރި ނަމަވެސް، އެކަން ކޮށްފައިވަނީ މިނިސްޓްރީން ބޭނުންވި ފެންވަރަށް ނޫން ކަމަށާއި، ޓައިލްސް ސަޕްްލައިކޮށްދިން ފަރާތުންވެސް އެކަން ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަޅުގަނޑުމެން ދެންނެވި، އަދި ބޭނުންވި ފެންވަރަށް، ބޭނުންވި ސްޕެސިފިކޭޝަނާ ތަފާތު ގޮތަކަށް އެތަނުގެ ޑިޒައިން ހަދާފައިވަނީ. އެކަން ސަޕްލަޔަރަށް ހުށަހަޅައި، އެފަރާތުން އެކަން ގަބޫލުކުވެސް ކޮށްފައި ވާނީ،"

އިސްލާމީ މަރުކަޒުގެ ހަރިންމައަށް ވާ ސަރަހައްދުގައި ޖަހާފައިވާ މާބްލްސްތަކުގައި ރެނދުލާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިނިސްޓަރ ވިދާޅުވި ގޮތުގައި ޓައިލްސް މަތީގައި ބިއްލޫރި ފަށަލައެއް ހުރުމަކީ މިނިސްޓްރީން ބޭނުންވި ގޮތެއް ނޫނެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ޕެޓާން ރައްކާތެރިކުރާށޭ އެގޮތަށް ހުރީ. ޕެޓާން ރައްކާތެރި ކުރަން ވިޔަސް ގްލާސް ވީމަ އޭގެން ގެއްލުންތަކެއް ވޭ. އަޅުގަނޑުމެން ވާނީ އެކަން ރިޖެކްޓުކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ ހަރިންމައަށް ވާ ސަރަހައްދުގައި ޖަހާފައިވާ މާބްލްސްތަކުގައި ރެނދުލާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެއްވެސް ހަރަދެއް ނުކޮށް، ޓައިލްސްތަކުގެ ޕެޓާން ހުރި ހިސާބު ނައްޓައި، އެތަނުގައި ޖަހަންޖެހޭ ފެންވަރުގެ ތަކެތި އަލުން ޖަހާނެ ކަމަށާއި، ޓައިލްސް ސަޕްލައިކުރި ފަރާތުން އެތަކެތި ދާދި އަވަހަށް ފޮނުވާނެ ކަމަށެވެ.

"އެބައި ބަދަލުކުރުމަށް [ތަކެތި] ފޮނުވައިދެއްވާނެ. ފޮނުވުމުގެ މަރުހަލާގައި އުޅޭކަމުގެ ޔަގީންކަން ލިބިފައި ވަނީ، ދާދި އަވަހަށް އެތަކެތި ލިބޭނެ. ލިބުނީމަ އެބައި ބަދަލުކޮށްލާނަން. އޭރުން އެކަން ދިމަލެއް ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.