24 Nov 2016, 14:13
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރުމަށް މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ހުށަހެޅުން ބަލައިގަންނަން ފެންނަ ކަމަށް 53 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ. އެ ހުށަހެޅުން ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ 22 މެމްބަރަކު ތިއްބެވިއެވެ.
ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ، އެއާޕޯޓު ސާވިސް ޗާޖެއްގެ ގޮތުގައި ދިވެހީންގެ އަތުން 12 ޑޮލަރު، އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގޭނެ ކަމަށާއި، އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި ދިވެހީންނާއި ބިދޭސީންގެ ވެސް އަތުން 25 ޑޮލަރު ނެގޭނެ ކަމަށެވެ.
އެ ބިލަށް މިއަދު ބަހުސް ކުރައްވަމުން ޕީޕީއެމް އަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، އެ ޓެކްސް ނަގަން ޖެހޭ ކަމަށާއި، ނަމަވެސް ދިވެހީން ރާއްޖެއިން ބޭރަށް ދަތުރުކުރާ މިންވަރު މަދުކުރުމުގެ ގޮތުން ސިއްހީ ޚިދުމަތްތައް ފުޅާކުރުމާއި، ލޯކަލް ޓޫރިޒަމްގެ ހަރަކާތްތައް ތަރައްގީކޮށް އިތުރުކުރަންޖެހޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެއީ ޖީއެމްއާރަށް ދައުލަތުން ދެއްކި ޑޮލަރުގެ ބަދަލުގައި ރައްޔިތުންގެ އަތުން ނަގަން އުޅޭ ފައިސާއެއް ކަމަށެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވާ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވި ގޮތުގައި، އެ ޓެކްސް ނަގަން ޖެހޭނީ ރައްޔިތުންގެ ހާލަތާއި އާމްދަނީގެ ތަފާތުތައް ދެނެގަނެގެންނެވެ. އެގޮތުން، އެ ޓެކްސް ނަގާ ނަމަ، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނާއި، ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ އަތުން އޭޑީސީ ނަގަން ޖެހޭނީ ތަފާތު މިންވަރުތަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ނަގާ ޗާޖެއް ކަމަށާއި، ނަމަވެސް އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އެފަދަ ޗާޖެއް ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.