24 Nov 2016, 15:01
ރާއްޖޭގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށާއި ބޭނުންވަނީ އާންމުންގެ އިތުބާރު ކަމަށް އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ.
މެޑިކަލް އެންޑް ހެތް އެކްސްޕޯ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްފާލް ވިދާޅުވީ، ރާއްޖޭގައި ވަރަށް މަތީ ފަންތީގެ ހިދުމަތް ލިބެން އެބަހުރި ކަމަށެވެ. އަދި އެ ހިދުމަތްތައް ރާއްޖޭގައި ދޭކަން އާންމުނަށް އަންގައި ދިނުމަށް ހިދުމަތްތެރިން މަސައްކަތް ކުރަން ޖެހޭ ކަމަށް އައްފާލް ވިދަޅުވި އެވެ.
ރާއްޖޭން ސިއްހީ ހިދުމަތް ހޯދާ ފަރާތްތައް އިތުރު ކުރުމަށާއި ރާއްޖޭން ސިއްހީ ހިދުމަތް ހޯދަން ބާރުއަޅަން އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އައްފާލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަށް މީޑިއާގެ އެހީވެސް ބޭނުންވާ ކަމަށެވެ.
" ވަރަށް ގިނައިން މީޑިއާގެ ބޭފުޅުން އަޅުގަނޑަށް ގުޅާފަ އަހާނެ، ބޮޑުކަމެއް ވެގެން އޭޑީކޭއަށް ގެނައި މީހާ ބޭރަށް ފޮނުވަނީ ކޮން އިރަކުހޭ. އަޅުގަނޑުގެ މިހާރު އާންމު ޖަވާބަކީ ބޭރަށް ފޮނުވާކަށް ނުވިސްނަމޭ." އައްފާލް ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖޭގެ ސިއްހީ ނިޒާމަށް އާންމުން އިތުބާރު ކުރާނެ ގޮތަކަށް މީޑިއާތަކުން މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދިއުމަށް އައްފާލް ވިދާޅުވި އެވެ.
އައްފާލްގެ ވާހަކައަށް ތާއީދު ކުރައްވައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ މުހައްމަދު ހަބީބްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ކުރެވޭ އޮޕްރޭޝަންތައް ކުރަންވެސް ގިނަ ބަޔަކު ރާއްޖޭން ބޭރަށް ދާ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ ކޮންމެ ތާކުންވެސް އޮޕްރޭޝަންތައް ކުރާ ފެންވަރުގައި ބޭރަށް ގޮސްގެން ކުރަން ޖެހޭ ހަރަދުތައް ނުކޮށް ރާއްޖޭން ކުރެވެން ހުންނައިރު ބޭރަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ހަބީބް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮށްފައި ހުރި ބައެއް އޮޕަރޭޝަންތަކަށް ހިތްހަމަ ނުޖެހިގެން ބޭރަށް ގޮސް ދެއްކުމުން އެ އޮޕަރޭޝަނެއް ކޮށްފައި ހުރީ އެންމެ މޮޅު ތާކުންވެސް ކުރާނެ ފެންވަރަށް ކަމަށް ބުނެފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.