އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެސްއެސް ކުރުމުގެ ހިދުމަތް އުރީދޫއިން ފޯރުކޮށްދީފި އެވެ.

އުރީދޫގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ވޯކްގްރޫޕްގެ ހިދުމަތް އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލަށް ދިނުމުގެ އެއްބަސް ވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އުުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ބަލާޖީ ސްރިނިވާސަން އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ފަރާތުން ސޮއި ކުރެއްވީ، އެތަނުގެ ޑެޕިއުޓީ ކޮމާންޑާ މޭޖާ މުހައްމަދު ފަސީހެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، އެ ހިދުމަތަކީ ކުންފުނިތަކުން ބަލައިގެންފައިވާ މަގުބޫލު ހިދުމަތެއް ކަމަށެވެ.

"މި ހިދުމަތަކީ ވަރަށް ގިނަ ކުންފުނިތަކުން މަގުބޫލު ކަމާއެކު ބަލައިގެންފަ ހުރި ހިދުމަތެއް. މި ހިދުމަތުގެ ދަށުން ސްޓާފުންގެ ތެރޭގައި ހިލޭ ފޯނު ކުރުމާ ހިލޭ އެސްއެމްއެސް ކުރުމާ މުއާސަލާތީ ގޮތުން ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހިލޭ ކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ވޯކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްްއެސް ހިލޭ ކުރެވޭނެ އެވެ. ވޯކްގްރޫޕްގައި ހިމެނޭ ނަމްބަރުތަކަށް ގުޅުމަށް ބޭނުން ކުރާނީ ހަތަރު އަދަދުގެ ކުރު ނަމްބަރު ތަކެކެވެ.

އުރީދޫން ބުނީ ކުންފުނީގެ ވޯކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް އާއިލާގެ މެމްބަރުންގެ ތެރެއިން ބޭނުންވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫ ވޯކްގްރޫޕްގެ ހިދުމަތް ބޭނުންކުރާ ކުންފުނިތަކަށް ދީފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކޮށް، އާ ކަނެކްޝަންތަކަށް އެދުމުގެ އިތުރުން ވާކްގްރޫޕްގައި ހިމެނޭ ފަރާތްތައް ބަލައި، އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދު ކުރެވޭނެ އެވެ.

އެ ހިދުމަތް ސަރުކާރުގެ މިނިސްޓްރީ ތަކާއި، ކުންފުނިތަކުގެ އިތުރުން ރިސޯޓު ތަކުންވެސް ދަނީ ބޭނުން ކުރަމުންނެވެ.