24 Nov 2016, 12:15
އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ޕީޕީއެމް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އަދާލަތު ޕާޓީން ވެސް ތަދައްޚުލްވެއްޖެއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް އެ ޕާޓީން ހުށަހެޅި ހުށަހެޅުން ގަބޫލުކުރިކަން ސިވިލް ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ، އެ މައްސަލައިގެ ތެރެއަށް އެޕާޓީން ތަދައްޚުލްވީ ގާނޫނުން ވަކި ތާރީޚެއް ކަނޑައަޅާފައި ވަނިކޮށް ވަކި ޕާޓީއެއްގެ މަސްލަހަތަށްޓަކައި އިންތިޚާބު ފަސްނުކުރެވޭނެތީ ކަމަށެވެ.
"ވަކި ޕާޓީއަކުން ތައްޔާރުނުވެވޭތީއޭ ކިޔާފަ އެމީހުން ބޭނުން ދުވަހަކަށް އެމީހުން ތައްޔާރުވެވެންދެން މުޅި ގައުމީ ފެންވަރުގެ އިންތިޚާބެއްގެ ތާރީޚުތައް ބަދަލުކޮށް ނެހެދޭނެ އިނގޭތޯ،" އަލީ ޒާހިރު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފައެވެ.
މައުމޫންގެ ފަރާތުން އެ މައްސަލައަށް ތަދައްޚުލްވުމަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ވަކި މުއްދަތެއްގެ ކުރިން އިންތިޚާބު ބޭއްވުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާއިރު، އެ މުއްދަތުގައި އިންތިޚާބު ނުބޭއްވުމަކީ ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ އަސާސީ ހައްގު ގެއްލޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ފަރާތުންނާއި އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވެނިމިފައި ވަނިކޮށް އިންތިޚާބު ފަސްކުރެވޭ ފަދަ ހުކުމެއް އައުމަކީ އެ ހުރިހާ ކެންޑިޑޭޓުންނަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ވެސް މައުމޫން ވަނީ ފާހަގަކުރައްވައިފައެވެ.
ޕީޕީއެމް އިން ކުރި ދައުވާގައި ބުނެފައި ވަނީ ޕީޕީއެމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އިރު، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ޕާޓީގެ ޑޭޓާބޭސް އާއި ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައިފި ނަމަ ޕީޕީއެމް އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ބާއްވައި ކައުންސިލަރުން ހުވާކުރުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.