ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮންޗެންގްލަޑްބެކްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ފެނާންޑީނިއޯ އަށް ދެއްކި ރަތް ކާޑަށްފަހު، މެޗު ބަދަލުވެގެންދިޔަ ކަމަށް ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ބްރޭނާ ބުނެފި އެވެ.

ރަށުން ބޭރުގައި ރޭ މޮންޗެންގްލަޑްބެކް އަތުން އެއްވަރުވުމާ ގުޅިގެން ސްޕެއިންގެ ބާސެލޯނާ އަށް ވަނީ 'ގްރޫޕް ސީ' އެއް ވަނަ ކަށަވަރުވެފައެވެ. ރޭގެ މެޗުގައި މޮންޗެންގްލަޑްބެކް އަތުން 1-1 ލަނޑުން ސިޓީ އެއްވަރުވި ނަމަވެސް، އެ ޓީމަށް ވެސް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ.

ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި މޮންޗެންގްލަޑްބެކް އަށް ރަފައެލް ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޭވިޑް ސިލްވާ ވަނީ ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ މެޗުގެ 51 ވަނަ މިނެޓުގައި މޮންޗެންގްލަޑްބެކްގެ ލާސް ސްޓެންޑެލް އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން ސިޓީ އަށް އެޑްވާންޓޭޖެއް ލިބުނު އިރު، މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުގެ ފެނާންޑީނިއޯ އަށް ރަތް ކާޑެއް ދެއްކި އެވެ.

"އަހަރެމެންނަށް ރަތް ކާޑެއް ލިބުމުން ހުރިހާ ކަމެއް ބަދަލުވެގެންދިޔަ. އެހިސާބުން މެޗު ބަދަލުވެގެންދިޔަ. އެކަން ދިޔައީ ރަނގަޅަކަށް ނޫން. އެކަމަކު އަހަރެމެންނަށް ގަދަ 16ގެ ޖާގައެއް ލިބުމުން އުފާކުރަން. މެޗުގައި މޮންޗެންގްލަޑްބެކް އަށް ލަނޑެއް ކާމިޔާބު ކުރެވުނު ހިސާބުން އެ ޓީމުން ޑިފެންސަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު،" ބެލްޖިއަމް މިޑްފީލްޑަރު ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ބުނީ، އުނދަގޫތަކަކާ ކުރިމަތިވި ފުރަތަމަ ހާފުގައި ސިލްވާ ކާމިޔާބުކޮށްދިން ލަނޑަކީ ވަރަށް މުހިންމު ލަނޑެއް ކަމަށާއި ހުރިހާ ގޮތަކުން ވެސް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެމުންދިޔައީ ސިޓީ ކަމަށެވެ.

'ގްރޫޕް ސީ'ގައި ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ބާސާ ގްރޫޕްގެ އެއް ވަނައިގައި އޮތް އިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މޮންޗެންގްލަބާޗް އަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ސެލްޓިކް އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.