ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް އެ ސްޓޭޝަނުން ގޮވާލައިފި އެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ސްޓޭޝަންގެ ނޫސްވެރިންތަކެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ނުހައްގުން ކަމަށެވެ.

"...ޑިސެމްބަރު 19 ގައި ރާއްޖެ ޓީވީގެ ޒުވާން ދެ ނޫސްވެރިން ކަމަށްވާ، މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ހުކުމް ކުރަން ތާވަލްކޮށްފައިވާތީ، ރާއްޖެ ޓީވީން އެކަމާ އިންތިހާއަށް ކަންބޮޑުވުންފާޅުކޮށް، މިހާރުން މިހާރަށް އެ ދައުވާތައް އަނބުރާ ގެންދިޔުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމެވެ."

ވިސާމާއި ލީވާންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާގެ ހުކުމް އިއްވުން އަންނަ މަހުގެ 19 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ސަރަހައްދުން އައިއީޑީއެއް ފެނުމާ ގުޅިގެން އެ އައިއީޑީ ނުގޮވާ ގޮތަށް ހެދުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ވަގުތު، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ވިސާމާއި ލީވާން ގަސްތުގައި ހުރަސްއަޅާފައިވާކަން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ސާބިތުވާނެ ކަމަށެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ވިސާމާއި ލީވާންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ހެކިބަހުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސީން ވިދާޅުވި އެވެ.

ފުލުހެއްގެ ގައިގައި އަތްލި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ވިސާމްގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ.

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމަށް ބުނެ ދައުވާ އުފުލައިފަ އެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައި ވަނީ ރައްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތްގޮތާމެދު ބޭރުގެ އެކި ފަރާތްތަކުން ވެސް ކަންބޮޑުވުންފާޅު ކުރަމުން ގޮސްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ހާމަކޮށް ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި މި އަހަރު 112 ވަނަ އަށް ރާއްޖެ ވެއްޓިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"އަދި ނުހައްގުން އެއްވެސް ކުށެއް ނެތް ރާއްޖެ ޓީވީގެ ޒުވާން ނޫސްވެރިންތަކަކަށް އަދަބު ލިބުމުގެ ކުރިން، އެކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކަށާއި، އަދި އަމިއްލަ ޖަމްއިއްޔާތަކަށް މި ސްޓޭޝަނުން ގޮވައިލަމެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.