24 Nov 2016, 12:00
ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ކުރިއަށްގެންދާ ސިވިލް ސާވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްގެ ދަށުން މިއަހަރު ނިމުމުގެ ކުރިން 15 މިނިސްޓްރީއެއްގެ އޮޑިޓް ނިމޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީން ކުރިއަށްގެންދާ ހިއުމަން ރިސޯޓް އޮޑިޓަކީ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް އެ ކޮމިޝަނުން މިއަހަރުގެ އޮގޯސްޓް މަހުގެ ތެރޭގައި ފެށި އޮޑިޓެކެވެ.
އޮޑިޓްގެ ދަށުން ސިވިލް ސާވިސް އިދާރާތަކުގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް ކަންކަން ދިރާސާ ކުރުމުގެ މަގްސަދުގައި އިދާރާތަކުގެ އިންސާނީ ވަސީލަތުގެ ހާލަތު އޮތްގޮތާއި ބޭނުންކުރެވެމުންދާ ގޮތް އަދި މުވައްޒަފުންގެ ގާބިލްކަން ހުރިނެތްގޮތް ދެނެގަންނާނެއެވެ.
އެގޮތުން، އެ އޮޑިޓް ކުރުމުން ދިވެހި ސިވިލް ސާވިސް ޒަމާނީކޮށް، ތަރައްޤީ ކުރުމަށާއި ހަރަދު ކުޑަކޮށް ޓެކްނޮލޮޖީގެ ބޭނުން ހިފައި ކުރިއެރުވުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މަސައްކަތުގެ ގާބިލްކަމަކީ ކޮބައިކަން ދެނެގަނެވޭނެ އެވެ.
މީގެ އިތުރުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން މުވައްޒަފުންނަށް ހިންގަން ބޭނުންވަނީ ކޮންކަހަލަ ކޮންފެންވަރެއްގެ ތަމްރީން ކޯސްތަކެއްކަން އެ އޮޑިޓުން ދެނެގަނެވޭއިރު، އިދާރާތަކަށް މުވައްޒަފުން ބޭނުންވާ ހެޔޮ މިންވަރަކީ ކޮބައިކަން ދެނެގަނެވި، ސްޓްރެޓެޖިކް ބަދަލު ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް ސީއެސްސީން ބުނެއެވެ.
ޣިޔާސުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ނިންމާ ހިއުމަން ރިސޯސް އޮޑިޓްތަކުގެ ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް އަންނަ އަހަރުގެ ތެރޭގައި އެކްޝަން ޕްލޭނެއް އެކުލަވާލޭނެ ކަމަށެވެ.
އަދި އަމާޒަކީ 2020 ވަނަ އަހަރު އަންނައިރު ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަކީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ) ސެޓިފައިޑް ތަންތަނަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިވިލްސާވިސް ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، އިދާރާތަކުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެފަދަ އޮޑިޓެއްގެ މުހިއްމުކަން ބޮޑު ކަމަށެވެ.
މީގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތުގެ ގަވާއިދު ހިފަހައްޓާ މިންވަރު ވަޒަންކުރުމަށް ކޮންމެ އިދާރާއެއްގައި ސުޕަވައިޒަރުންތަކެއް ބޭތިއްބުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.