ޔުއެފާ ޗެމްޕިއަންސް ލީގްގައި ޕީއެސްޖީ އާއި 2-2ގެ ނަތީޖާ އަކުން އެއްވަރުވެ ގްރޫޕް ދެވަނަ ޓީމްގެ ގޮތުގައި އާސެނަލް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ރޭގެ އެ ނަތީޖާއާއެކު ގްރޫޕްއޭއިން އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޕީއެސްޖީއެވެ. ދެޓީމަށް ވެސް ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު އާސެނަލްއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގު ތަފާތުންނެވެ. ގްރޫޕގެ ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު ތިން ވަނައިގައި އޮތް ލުޑޮގޮރެޓްސް އަށް ލިބިފައި ވަނީ، ފަސް މެޗުން ދެ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބާސެލް އަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ނަމަވެސް އެ ދެޓީމަށް ދެން ގަދަ 16 އަށް އެރުމުގެ ފުރުސަތެއް ނެތެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 18 ވަނަ މިނެޓްގައި ޕީއެސްޖީގެ އެޑިސަން ކަވާނީ ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްއަށް އެއްވަރުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން އޮލިވިއޭ ޖިރޫ އެވެ.

ރޭގެ މެޗުގައި އާސެނަލްއަށް ފުރަތަމަ ފަހަރަށް ލީޑް ލިބުނީ މެޗުގެ 60 ވަނަ މިނެޓްގައި ޕީއސްޖީގެ މާކޯ ވެރާޓީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ޕީއެސްޖީއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޯލަކީ އާސެނަލްގެ މިޑްފީލްޑަރު އަލެކްސް އިވޯބީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.