24 Nov 2016, 10:47
ދައުލަތުގެ އޮޑިޓު އިދާރާ، އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓު ހެދުމަށް ޓަކައި، ރާއްޖޭގައި އޮޑިޓް ކުރުމުގެ ލައިސެންސް އޮންނަ އޮޑިޓު ފާމެއް ހަމަޖައްސަން ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ އިއުލާނުގައި ބުނެފައި ވަނީ، އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު އެއް ވަނަ ދުވަހުގެ މެންދުރު މަޖިލީހަށް ވަޑައިގެން މައުލޫމާތު ސާފުކުރަން އެދޭ ކަމަށެވެ.
އަދި އެކަމަށް ބިޑު ހުށަހެޅުން އޮންނާނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ މެންދުރު 14:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށް އެ އިއުލާނުގައިވެ އެވެ.