24 Nov 2016, 10:33
މީހަކަށް ބައުންސް ޗެކެއް ދިން މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ ވ. އަސްކަނި، އަހުމަދު ރިޟުވާން ވަހީދުގެ މައްޗަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ވިޔަފާރީގެ ބޭނުމަށް ކަމަށް ބުނެ ސ. މީދޫ، އޯކިޑްމާގެ، އަބްދުﷲ އަބްދުލް މުހުސިންގެ އަތުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ 462600 ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން ރިޟުވާން އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ތިރީސް ހާސް ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާ ކަމަށެވެ.
އެ ޗެކަށް ފައިސާ ނަގަން ބީއެމްއެލް އަށް ދިޔުމުން އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކުގައިވާ އަދަދަށް ފައިސާ ދެވެން ނެތް ކަމަށް ބީއެމްއެލް އިން އަންގާފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެއަށްފަހު އެ ފައިސާ ދެއްކުމަށް އަބްދުލް މުހުސިން އެންގުމުން ހަތް ދުވަހުގެ ތެރޭގައި ރިޟުވާނަށް އެ ފައިސާ ދެއްކިފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.