ބައިކް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އެކުލަވައިލުމަށްޓަކައި ބާއްވާ އާންމު ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ، ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް އެ ޖަމިއްޔާއިން ނިންމައިފިއެވެ.

ބައިކް މޯލްޑިވްސް އިން ބުނީ، ނޮވެމްބަރު 29 ވަނަ ދުވަހުގެ ރޭ 8:30ގައި، މޯލްޑިވްސް ސެންޓަރ ފޯރ ސޯޝަލް އެޑިއުކޭޝަން ސެންޓަރު (އެމްސީއެސްއީ) ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެ ޖަމިއްޔާގެ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު، ޖަމިއްޔާގެ އެންމެހާ މެންބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

"މި ޖަލްސާއަކީ، މި ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ފަހު ބާއްވާ ފުރަތަމަ އާންމު ޖަލްސާ ކަމަށް ވާތީއާއި، ޖަމިއްޔާ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ ކަމަށް ވާތީ، މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދޭ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަން،" ބައިކް މޯލްޑިވްސްގެ މުއައްސިސު، ޒުލޭޚާ ޙަސަންދީދީ ވިދާޅުވިއެވެ.

"މި ޖަލްސާއަށް ވަޑައިގަންނަވާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނެސްދެއްވުން އެދެން."

ބައިކް މޯލްޑިވްސްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާން ޖެހޭ މަގާމުތަކަކީ، ޗެއަރޕާސަން، ވައިސް ޗެއަޕާސަންގެ ތިން މަގާމު، އެގްޒެކެޓިވް ކޮމިޓީގެ ހަތަރު މެމްބަރުން އަދި ޓްރެޜަރަރގެ މަގާމެވެ.

މަގާމުތަކަށް ކުރިމަތިލާފައި ވަނީ:

  • ޗެއަރޕާސަން:ޒުލޭޚާ ޙަސަންދީދީ
  • ވައިސް ޗެއަރޕާސަން:މޫމިނާ މުހައްމަދު، މުހައްމަދު އަފްޒަލް، އިބްރާހީމް ފަޔާޒް، މުހައްމަދު ބައްސާމް.
  • އެކްސްކޯ މެމްބަރުން:މުހައްމަދު އާދަމް، ލީނާ ހަމީދު، އަހްމަދު އީވާން ނަސީމް، އިބްރާހީމް ސަމީރު، އަލީ ޔޫސުފް.
  • ޓްރެޜަރަރ: އަބްދުﷲ އިމާދު އިސްމާއީލް

ބައިކް މޯލްޑިވްސް އަކީ، ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަށް ކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމާ އެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށްގެން ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު ފެށި ހަރަކާތެކެވެ.

ތިމާވެށީގެ ދުވަހާއި އަދި އެނޫންވެސް ބައެއް ހާއްސަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ބައިކް މޯލްޑިވްސް އިން ދަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައިސްކަލް ދުއްވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.