24 Nov 2016, 10:38
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ ބޮރޫސިއާ މޮންޗެންގްލަޑްބެކް އަތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެއްވަރުވުމުން ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަށް އެއް ވަނައިގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ލިބިއްޖެ އެވެ.
ބާސާ ވަނީ ރޭ ރަށުން ބޭރުގައި ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި 2-0 ލަނޑުގެ ނަތީޖާއަކުން ސެލްޓިކްގެ މައްޗަށް ކުރި ހޯދައިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުގައި އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރި ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް ކުޅެފައިވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ބާސާ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ.
އެ މެޗުގެ 24 ވަނަ މިނެޓުގައި ބާސާ އިން ވަނީ ފުރަތަމަ ލަނޑު ޖަހައި، ލީޑު ހޯދައިފަ އެވެ. ބްރެޒިލް ތަރި ނޭމާ ދިން ބޯޅައަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ
ބާސާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 55 ވަނަ މިނެޓުގައެވެ. ބާސާ އަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީ އެވެ. ބާސާ އަށް އެ ޕަނަލްޓީ ލިބިފައި ވަނީ ސެލްޓިކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސުއަރޭޒް އަށް އިޒަގުއިރޭ ކުރި ފައުލަކާ ގުޅިގެންނެވެ.
ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ސީ'ގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޖަރުމަންގެ ބޮރޫސިއާ މޮންޗެންގްލަޑްބެކް އަތުން މެންޗެސްޓާ ސިޓީ އެއްވަރުވެފައި ވަނީ 1-1 ލަނޑުންނެވެ. އެ މެޗުން އެއްވަރުވި ނަމަވެސް ސިޓީ އަށް ދެ ވަނައިގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ވަނީ ލިބިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި މޮންޗެންގްލަޑްބެކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މޮންޗެންގްލަޑްބެކް އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މޮންޗެންގްލަޑްބެކް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރަފައެލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި މޮންޗެންގްލަޑްބެކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑެއް ދައްކާފައިވެ އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާއެކު މޮންޗެންގްލަޑްބެކްގެ ލާސް ސްޓިންޑެލް އަށް ރަތް ކާޑެއް ދެއްކި އިރު، މެޗުގެ 63 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާއެކު ސިޓީގެ ފެނާންޑީނިއޯ އަށް ރަތް ކާޑެއް ދައްކާފައިވެ އެވެ.
'ގްރޫޕް ސީ'ގެ އެއް ވަނަ ވެސް މިހާރު ބާސާ އަށް ވަނީ ކަށަވަރުވެފައެވެ. ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ބާސާ ގްރޫޕްގެ އެއް ވަނައިގައި އޮތް އިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މޮންޗެންގްލަބާޗް އަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ސެލްޓިކް އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.