އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)އެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސު ފައްޓައިފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަހްމަދު ޒުހޫރު ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން ދާތީ އަންނަ އަހަރު ނަގަން ހުށަހަޅާފައިވާ އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ޓެކްސްއެއް ނެގުމަށް ވިސްނާފައި އޮތީ، ދިވެހީން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރަމުން ދަނީ ރައްޔިތުންނަށް ޓަކައި ކަމަށާއި، އެކަމުގެ ފައިދާ ކުރާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

"ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރު އެއާޕޯޓަށް ޚަރަދުވޭ. މިފަދަ ބޮޑު ޚަރަދެއް ކުރެވޭ އިރު އޭގެ ފައިދާ ކުރަނީ ވެސް ރައޔްިތުންނަށް،"

ޒުހޫރު ވިދާޅުވީ، ބަޖެޓު އެކުލަވާލި އިރު، އުސޫލެއްގެ ގޮތުން ނިންމާފައި އޮތީ އެއާޕޯޓު ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން ވެސް އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު ނެގުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ޓެކްސް ނަގާނީ ކޮން ބައެއްގެ އަތުންތޯ ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ނިންމާފައި އޮތީ އެއާޕޯޓު ބޭނުންކުރާ ކޮންމެ މީހަކު ވެސް އޭޑީސީއަށް އެޕްލައި ކުރެވޭނެ މީހެއްގެ ގޮތުން. ނަމަވެސް އެއީ ވަކި ގާނޫނަކުން، ތިޔަ ބޭފުޅުން ނިންމާނެ ކަމެއް. ކޮން ބައެއްގެ އަތުންތޯ ނަގާނީ އަދި ނުނަގާނީ. އިކޮނޮމިކް ކައުންސިލްގެ ޗެއާގެ ގޮތުން ވިސްނުން ހުރީ، ކޮންމެ މީހަކު ވެސް އޭޑީސީ ނެގޭނެ މީހެއްގެ ގޮތުގައި،"

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ހުސައިން މަނިކު ކުރިން ވިދާޅުވީ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓްސް ޗާޖުސް އަކީ ދިވެހިންގެ އަތުން ނެގުމަށް ޕްލޭންކޮށްފައިވާ ޓެކްހެއް ނޫން ކަމަށެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި، އައިއެންއައިއޭ އިން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގަން ހުށަހެޅި އިރު، އެއާޕޯޓް ސާވިސް ޖާޖެއްގެ ގޮތުގައި މިހާރު ވެސް ބިދޭސީންގެ އަތުން 25 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.