24 Nov 2016, 10:16
ވޮޝިންޓަން (ނޮވެމްބަރު 24): އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުތައް އަދިވެސް ގުނަމުންދާ އިރު ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ކްލިންޓަންއަށް ލިބިފައިވާ ވޯޓުގެ އަދަދު ދެ މިލިއަނަށް އަރައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވީ އިލެކްޓޯރަލް ކޮލެޖް ވޯޓުތަކުން އަގުލަބިއްޔަތު ހޯއްދަވައިގެންނެވެ.
އިލެކްޓޯރަލް ކޮލެޖް ނިޒާމުގެ ދަށުން ރިޔާސީ އިންތިހާބުގެ ކުރިން ކޮންމެ ސްޓޭޓަކުން "އިލެކްޓަރުން"ތަކެއް ހަމަޖައްސަ އެވެ. އެއިލެކްޓަރުން ހަމަޖައްސަނީ އެސްޓޭޓެއް ތަމްސީލު ކުރާ ގާނޫނު ހަދާ މަޖިލިސް މެމްބަރުންގެ އަދަދަށެވެ. އަދި އެސްޓޭޓަކުން ގިނަ ވޯޓު ލިބޭ ކެނޑިޑޭޓަކަށް ހުރިހާ އިލެކްޓޯރަލް ވޯޓު ކާމިޔާބު ވާނެ އެވެ.
އެހެންކަމުން ބައެއް ސްޓޭޓުތަކުގައި އިލެކްޓަރުން މަދުވެފައި އެހެން ސްޓޭޓުތަކުގައި އިލެކްޓަރުން ގިނަ ވާނެ އެވެ. ވީމާ ރިޔާސީ އިންތިހާބުގައި ތާއިދު ލިބޭ ސްޓޭޓުތަކުގެ ގޮތުން ވެސް ނަތީޖާ ބަދަލު ވެދާނެ އެވެ. އެނިޒާމުގެ ދަށުން ވެރިކަން ލިބެނީ މަދު ސްޓޭޓުތަކުން ބޮޑު ތާއިދެއް ލިބޭ ފަރާތްތަކަށް ވުރެ ގިނަ ސްޓޭޓުތަކުން ކުޑަ ތަފާތަކުން ނަމަވެސް އިތުރަށް ވޯޓު ލިބޭ ފަރާތަކަށެވެ.
މީގެ ކުރިން އެމެރިކާގެ ފަސް ރިޔާސީ އިންތިހާބެއްގައި މިފަދައިން ދިމާވެފައިވެ އެވެ. އެގޮތުން ދެހާސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޯޖް ޑަބްލިއު ބުޝްއަށް ލިބުނު ވޯޓަށް ވުރެ އިތުރަށް އަލް ގޯ އަށް 544،000 ވޯޓު ލިބުނު ނަމަވެސް ވެރިކަން ލިބިވަޑައިގަތީ ބުޝްއަށެވެ.
މިފަހަރުގެ އިންތިހާބުގައި ހިލަރީ ވަނީ ކެލިފޯނިއާ ފަދަ ސްޓޭޓުތަކުން ބޮޑު ކާމިޔާބީއެއް ހޯއްދަވައިފަ އެވެ. ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓުން ދެ ކެނޑިޑޭޓުންނަށް ވެސް އެއް ވަރަކަށް ތާއިދު އޮންނަ ކަމަށް ބެލެވޭ ގިނަ "ސްވިންގް ސްޓޭޓު"ތައް ކާމިޔާބު ކުރެއްވީ ޓްރަމްޕް އެވެ.
އެނަތީޖާއާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ޓްރަމްޕް ކާމިޔާބު ކުރެއްވި ތިން ސްޓޭޓެއްގެ ވޯޓުތައް އަނެއްކާ ވެސް ގުނުމަށް ގޮވާލަމުންނެވެ. އަދި އެގޮވާލުމުގައި ހިލަރީގެ ކެމްޕެއިން އިން އެއްބާރުލުން ދިނުމަށް ވެސް ބުނަމުންނެވެ.
އެފަރާތްތަކުން ވަނީ ކަރުދާސް ވޯޓު ބޭނުން ކުރި ސަރަހައްދުތަކާ އަޅާ ބަލާއިރު އިލެކްޓްރޯނިކް ވޯޓިން މެޝިންތައް ހުރި ސަރަހައްދުތަކުން ހިލަރީއަށް މާމަދުން ވޯޓު ލިބުނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަދި ވޯޓިން މެޝިންތައް ހެކްކޮށްފައިވޭތޯ ބެލުމަށް ގޮވާލާފަ އެވެ.
އެގޮވާލުންތަކުގައި ބައިވެރިވާނެ ކަމަށް އަދި ހިލަރީގެ ކެމްޕެއިން އިން ބުނެފައި ނުވެ އެވެ. (ބީބީސީ)