24 Nov 2016, 09:06
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް، އިންޑިއާގައި ފުޅާ ދާއިރާއެއްގައި އެއާލައިން ޓިކެޓު ވިއްކާ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އަންގާރަ ދުވަހު އިންޑިއާގެ ނިއުދިއްލީގެ ތާޖު ޕެލެސް ހޮޓެލްގައި އޮތް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މަސައްކަތް ކުރީ، އިންޑިއާގައި އެ އެއާލައިންގެ ޓިކެޓު ވިއްކައިދޭނެ އޭޖެންޓުންނާއި، މޯލްޑިވިއަނަށް މަތިންދާ ބޯޓު ގަތުމަށް އިންވެސްޓް ކުރާނެ ފަރާތްތަކެއް ހޯދުމަށެވެ.
"މޯލްޑިވިއަންގެ ޖީއެސްއޭ ސޭލްސްއަށް އަޅުގަނޑުމެންނާ ޓީމް ކޮށްދޭނެ ފަރާތްތައް ހޯދުން އެންމެ ބޮޑު ބޭނުމަކަށް އޮތީ. މިހާރުވެސް ބައްދަލުވި ފަރާތްތަކުގެ ތެރޭގައި ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ލިބިގެން ދިޔަ،" އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި މޯލްޑިވިއަންގެ ހެޑް އޮފް ޕްރޮކިއޮމެންޓް، އަލީ ނާސިފް "ސަން" އަށް ވިދާޅުވިއެވެ.
ނާސިފް ވިދާޅުވި ގޮތުގައި އިންޑިއާގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓިކެޓުގެ ވިޔަފާރި ކުރާ ފަރާތަކުން ވަނީ، އިންވެސްޓްމެންޓް ފޯރަމަށް ޒިޔާރަތްކޮށް، މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އޭޖެންޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
"ދެން އޮތީ ޓާމްސްތަކާ ގުޅޭގޮތުން އެފަރާތާ މަޝްވަރާ ކޮށްފައި އެކަން ކުރިޔަށް ގެންދިއުން،" ނާސިފް ވިދާޅުވިއެވެ.
މޯލްޑިވިއަންއަކީ ނިމިދިޔަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޓްރެވަލް ޕާޓްނަރެވެ. އިންވެސްޓްމެންޓް ފޯރަމަށް ދަތުރުކުރި ދިވެހި ވަފުދު އިންޑިއާގެ ނިއުދިއްލީއަށް ގޮސްފައިވަނީ މޯލްޑިވިއަންގެ ޚާއްސަ ޗާޓަރު ފްލައިޓެއްގައެވެ.
މޯލްޑިވިއަންއިން ހަފްތާގެ ތިން ދުވަހު މާލެއާ އިންޑިއާގެ ޗެންނާއީއާ ދެމެދު ސީދާ ދަތުރުތައް ކުރާ އިރު، މާލެއާ ޓްރިވެންޑްރަމާ ދެމެދު ކޮންމެ ދުވަހަކުވެސް ފްލައިޓެއް އޮވެއެވެ.
މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ޓްރިވެންޑްރަމާ ދެމެދު ވެސް ހަފްތާއަކު އެއް ދަތުރު މޯލްޑިވިއަނުން ކުރެއެވެ.