24 Nov 2016, 09:02
ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ، ކޮއްކޮ ކަރީނާ ކަޕޫރު ޚާން އާއެކު ފިލްމެއްގެ މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށް ބަތަލާ ކަރިޝްމާ ކަޕޫރު ބުނެފި އެވެ.
ކަރިޝްމާ ބޮލީވުޑަށް ތައާރަފުވީ 1991 ވަނަ އަހަރު ނުކުތް ފިލްމު 'ޕްރޭމް ޤައިދީ' އިންނެވެ. އެއަށްފަހު 'ދިލް ތޯ ޕާގަލް ހޭ'، 'ރާޖާ ހިންދުސްތާނީ'، އަދި 'ޒުބޭދާ' ފަދަ ފިލްމުތަކުގައި ތަފާތު މޮޅު ރޯލުތަކެއް ކުޅެދީ ގިނަ ބައެއްގެ ލޯބި ވަނީ ހޯދައިފައެވެ.
މިވަގުތު ފިލްމީ ދާއިރާ އާ ކުޑަކޮށް ދުރުގައި ހުރި ކަރިޝްމާގެ ކޮއްކޮ، ކަރީނާ އަކީ މިވަގުތު ބޮލީވުޑުގައި ތިބި އަންހެން ފަންނާނުންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާއިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ އެކްޓަރެކެވެ.
ކަރީނާ އާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރިޝްމާ ބުނީ ކަރީނާ އާއެކު ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ.
"އަހަރެން ވަރަށް ބޭނުން ކަރީނާ އާއެކު މަސައްކަތް ކޮށްލަން. އެކަމަކު އެއީ ވަރަށް މޮޅު ސްކްރިޕްޓެއް ހުށަހަޅައިފި ނަމަ،" ކަރިޝްމާ ބުންޏެވެ.
ކަރިޝްމާ ބޮލީވުޑަށް ނުކުތް ފަހުން މިހާރު 25 ވަރަކަށް އަހަރު ވެފައި ވީނަމަވެސް، ކަރިޝްމާ ކެމެރާ ކުރިމަތިން ނުފެންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ކަރިޝްމާ އެންމެ ފަހުން ފެނިގެން ދިޔައީ 2012 ވަނަ އަހަރު ނުކުތް ފިލްމު 'ދޭންޖަރަސް އިޝްކް' އިންނެވެ.
ކަރިޝްމާ މިހާ ދުވަސް ވަންދެންް ކެމެރާ ކުރިމަތިން ނުފެންނަ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ކަރިޝްމާ ބުނީ ކެރިއަރަށް ވުރެ އޭނާ އަށް މުހިންމީ އާއިލާ އާއި ދަރިން ކަމަށެވެ.