ޑޮލަރުގެ ބާޒާރުގެ އިންތިޒާމުތައް ފަސޭހަކުރުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ފުރާ ދިވެހީންނަށް ޑޮލަރު ވިއްކުމުގެ ކަންކަމާ މަރުކަޒީ ބޭންކުން ހަވާލުވި ފަހުން މިހާތަނަށް އެ އިދާރާއިން 2.2 މިލިޔަން ޑޮލަރު ވިއްކައިފިއެވެ.

ފުރާ މީހުންނަށް އެމްއެމްއޭއިން ޑޮލަރު ވިއްކުމުގެ ކަންކަން ފެށީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް، ފުރާ މީހުންނަށް ޑޮލަރު ވިއްކުމުގެ ކަންކަން އެމްއެމްއޭއިން ކުރިޔަށް ގެންދާ އިރު، އެ ތާރީޚަށް ފަހު ފުރާ މީހުންނަށް ޑޮލަރު ވިއްކާނީ އެއާޕޯޓުންނެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އިއްޔެގެ ނިޔަލަށް އެ އިދާރާއިން ޖުމްލަ 2،227،118 ޑޮލަރު ވިއްކާފައިވެއެވެ. އެއީ 4،492 ޓިކެޓަށެވެ.

ދުވަސްތަކުގެ ވަކިވަކި ހިސާބުތަކަށް ބަލާއިރު، އިއްޔެ އެމްއެމްއޭއިން ވިއްކާފައިވަނީ 868 ޓިކެޓަށް ޖުމްލަ 430،713 ޑޮލަރެވެ. އަންގާރަ ދުވަހު 938 ޓިކެޓަށް 466،700 ޑޮލަރު ވިއްކާފައިވާ އިރު، ހޯމަ ދުވަހު ވިއްކާފައިވަނީ 1،057 ޓިކެޓަށް 527،650 ޑޮލަރެވެ. އަދި ޑޮލަރު ވިއްކަން ފެށި ފުރަތަމަ ދުވަސް ކަމުގައިވާ، މި މަހުގެ 20 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 1،629 ޓިކެޓަށް 802،125 ޑޮލަރު ވިއްކާފައެވެ.

ހަތަރު ދުވަހުގެ އަދަދުތަކަށް ބަލާއިރު ފާހަގަވަނީ، ޑޮލަރު ގަތުމަށް އޮތް ޑިމާންޑު ދުވަހެއް ދުވަހަކަށް ދަށްވާ ފަދަ ޓްރެންޑެކެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަކާއި ދެމެދު އެމްއެމްއޭއަށް ދާ ފަރާތްތަކުގެ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ސްލިޕެއް ދޫކުރާ އިރު، ހަވީރު 4:00 އިން ފެށިގެން އެމްއެމްއޭއިން ޑޮލަރު ދޫކުރާނެއެވެ. ޑޮލަރު ވިއްކަނީ، އެ މީހަކު ފުރުމުގެ ހަތް ދުވަސް ކުރިންނެވެ. ކޮންމެ ޓިކެޓަކަށް އެމްއެމްއޭއިން 500 ޑޮލަރު ވިއްކާނެއެވެ.

އެމްއެމްއޭއިން އެޅި މި ފިޔަވަޅަކީ ޑޮލަރު ގަތުމަށް ދިގު ކިއު ހަދައިގެން ހުންނަން ޖެހުނު ޖެހުމަށް ނިމުމެއް ގެނުވާނެ ކަމެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވެއެވެ.

"ކުރިން އައިސް ކިޔޫ ހަދައި ތިބޭކަށް ނުޖެހޭނެ، ހެނދުނު ނުވައަކުން އިރުއޮއްސި ހަޔަކާ ދެމެދު އެމްއެމްއޭއަށް އައުމުން އެދުވަހު ޑޮލަރު ލިބޭނެ،" އެވެ.